ށ. ޅައިމަގުގައި ދުއްވަމުން އަންނަ ނާލު ބޯޓު، "ކުރިމަގު" ބޯޓުގައި މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލައާއި ގުޅިގެން އިތުރު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން އިއްޔެ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ފުލުހުންގެ ތަހުގީގުން ހޯދި މައުލޫމާތުގެ އަލީގައި ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހެއްކަމަށްވާ ލުތުފަރު އޮތްކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ފުލުހުން ޑައިވް ކޮށްގެން ބެލިބެލުމުގެ ތެރޭގައި، އެ މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަމަށްބެލެވޭ އިންސާނެެއްގެ ބައި ތަކެއް ފެނިފައިވާ ކަމަށެވެ.
ލުތުފަރުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީންނެވެ. ކުރިން ހައްޔަރުކުރި ދެ ބިދޭސީންނާއެކު ލުތުފަރުގެ މަރުގެ މައްސަލައިގައި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެ ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީއަކު އެބަ ތިއްބެވެ.
ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ މީހާ ގެއްލުނުކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، ނިމިދިޔަ އޭޕްރިލް މަހު 22 ވަނަ ދުވަހުގެ 12:17 އެހާކަންހާއިރުއެވެ.
އެ މައްސަލައާއި ގުޅޭ ކަންތައްތަކުގެ މައުލޫމާތު ލިބޭ ވަރަކުން މީޑިއާތަކާއި ހިއްސާ ކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.