މި އަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭނީ އަހަރެއްގެ ތެރޭގައި އެރަށެއްގެ ބަނޑުކެއުމުގައި އާންމުކޮށް ކައިއުޅޭ ބާވަތްތަކުން 2.4 ކިލޯގެ އަގު ކަމަށެވެ.
މީގެ އިތުރުން މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާބެހޭ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، ވިލިމާލޭން ފިތުރު ޒަކާތް ބަލައިގަތުން ސިޓީ ކައުންސިލްގެ ވިލިމާލޭ ޔުނިޓުން ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ އެ ސިޓީގެ ކޮމިޔުނިޓީ ސެންޓަރުންނެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭ ރައްޔިތުންގެ ޒަކާތު އަގުތައް
- އާދައިގެ ހަނޑޫ - 15 ރުފިޔާ
- ތައިލަންޑު ހުދު ހަނޑޫ - 45 ރުފިޔާ
- ބާސްމަތީ ހަނޑޫ - 95 ރުފިޔާ
- ރަތް ހަނޑޫ - 75 ރުފިޔާ
- އާދައިގެ ފުށް - 15 ރުފިޔާ
- އާޓާ ފުށް - 60 ރުފިޔާ
އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ މިއަދުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރު 1:00 އަށެވެ.