ރަމަޟާން މަހުގެ ރޯދައަކީ ދުނިޔެމަތީގައި އިންސާނުންނާއި ބައްދަލުވާނޭ އެންމެ މާތް އަދި އެންމެ މުޤައްދަސް މައްސަރެވެ. އިންސާނާ ކުރާ އެހެން ހުރިހާ އަޅުކަންތަކާ ޚިލާފަށް ރޯދައިގެ އަޖުރުގެ މިންވަރު މާތް ﷲ އެކަނލާންގެ ޒާތުފުޅަށް ޚާއްސަކުރައްވާފައިވާ އަޅުކަމެކެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ ހަދީޘް ކުރެއްވިއެވެ. މާތްﷲ ވަހީ ކުރެއްވިއެވެ. "އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއް ނިސްބަތްވަނީ އޭނާއަށެވެ. އެއީ ރޯދަ ފިޔަވައެވެ. އެ ޢަމަލު ނިސްބަތްވަނީ ތިމަން ﷲ އަށެވެ. އެ އަމަލަށް ޖަޒާ ދެއްވަނީވެސް ހުދު ތިމަން ﷲއެވެ. އަދިރޯދައަކީ (ނުބައި ކަންތަކުން އަޅާ މަނާކޮށްދޭ) އައްޑަނައެކެވެ. އަދި ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރި ދުވަހެއް ކަމުގައިވާނަމަ ފަހެ (އެދުވަހު) ފާޙިޝް އަމަލެއް ނުކުރާ ހުށިކަމެވެ. އަދ ހަޑި ހުތުރު ބަހެއްވެސް ނުބުނާ ހުށި ކަމެވެ. އަދި އަޑު ލައި ނުހަދާ ހުށި ކަމެވެ. ފަހެ އޭނާޔާ ދިމާއަށް މީހަކު ހުތުރު އެއްޗެއް ބުނެފިނަމަ ނުވަތަ އޭނާއާ މީހަކު އަރައިރުން ވެއްޖެނަމަ އޭނާ ބުނާ ހުށިކަމެވެ. އަހުރެންނަކީ ރޯދައަށް ހުރި މީހަކީމެވެ . އެފަރާތެއްގެ އަތްޕުޅުގެ ދަށުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ.ރޯދަވެރިޔާގެ އަނގާގައި އުފެދޭ ވަސް، ﷲގެ ހަޒުރަތުގައި ގޮމަކަސްތޫރިއަށްވުރެ، މީރުވެގެންވެއެވެ. ރޯދަވެރިޔާއަށް ޙާސިލުވެގެންވާ ދެ އުފަލެއްވެއެވެ. އެއީ ރޯދަ ވީއްލާ ވަގުތު (އެރޯދަ ހިފުނު ކަމަށްޓަކައި) ރޯދަވީއްލުމުގެ ސަބަބުންވާ އުފަލަކާއި (ޤިޔާމަތް ދުވަހު) އޭނާގެ ވެރި ރަސްކަނލާންގެއާ ބައްދަލުކުރާ ހިނދު (ރޯދައިގެ ސަވާބު ފެނިފައި) އެ ރޯދައިގެ ސަބަބުން ވާ އުފަލެކެވެ."
ރޯދަ ޚާއްޞަ ވުމާއި ޖަޒާ ލިބުމުގައި މިންގަނޑެއް ނެތުމުގެ ހިކުމަތްތަކާ ބެހޭ ގޮތުން ޢިލްމުވެރިން ވާހަކަ ދައްކަވާފައި ވެއެވެ. މިގޮތުން އެއް ކަމަކީ، އެހެނިހެން އަޅުކަންތަކުގައި ދެއްކުންތެރިކަން އެކުލެވުމުގެ ފުރުސަތު އޮންނަ މިންވަރަށް ރޯދައިގައި އެ ފުރުސަތު ނެތުމެވެ. އިމާމް ޤުރްޠުބީ، ރަޙިމަހުﷲ، ވިދާޅުވާ ގޮތުގައި ރޯދަވެރިޔާ އަމިއްލަ އަށް ތިމަން މިހުރީ ރޯދައަށޭ ބުނުމުން ފިޔަވައި އެހެން އެއްވެސް އިންސާނަކަށް އޭނާ ހުރީ ރޯދަ އަށް ކަމެއް ވެސް ނޭނގޭނެއެވެ. އަދި އެހެން ބުނި ކަމުގައި ވިއަސް ރޯދައިގެ ހުރިހާ ވަގުތެއްގައި އެމީހަކާ އެކުގައި އުޅެގެން ނޫނީ އެކަން ކަށަވަރު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.
ދެ ވަނަ ސަބަބަކީ، އިންސާނާގެ ތަބީއަތުގައިވާ އަދި އިންސާނާ އެ ދެ ކަމަކަށް ވަރަށް ލޯބި ކުރާ ދެ ކަންތައް ކަމަށްވާ ކެއިން ބުއިމާއި ޖިންސީ ޝަހުވަތު ފަހަތަށް ޖައްސާލާފައި ﷲ ގެ ރުހިވޮޑިގަތުން ހޯދުން ކުރިއަށް ނެރުމެވެ. ހަދީސްގެ އެހެން ރިވާޔަތެއްގައި މިކަން ބަޔާން ކުރެވިފައި ވެއެވެ. "އޭނާގެ ޝަހުވަތާއި އޭނާގެ ކެއިންބުއިން ތިމަން ﷲ އަށްޓަކައި ދޫކޮށްލައެވެ". (މުސްލިމް). ވީމާ އަމިއްލަ ނަފްސުގެ އެދުންތަކަށްވުރެ ﷲ ގެ ރުހިވޮޑިގަތުން އިސް ކުރުމުން ރޯދަ ﷲ އަށް ޚާއްޞަ ވީއެވެ.
ތިންވަނަ ސަބަބަކީ، ރޯދައިގައި ކެތްތެރިކަން ވަރަށް މަތީ ދަރަޖައަކަށް އެކުލެވިގެން ވުމެވެ. އިބްނު ރަޖަބް، ރަޙިމަހުﷲ، ވިދާޅުވާ ގޮތުގައި ކެތްތެރިކަމުގެ ތިންބާވަތެއް އޮންނަ އިރު އެ ތިން ބާވަތްވެސް ރޯދައިގައި ހިމެނެ އެވެ. އެއީ ﷲ އަށް ކިޔަމަން ގަތުމުގައި ކެތްތެރިވުމާއި، ފާފަތަކުން ދުރުހެލިވުމުގައި ކެތްތެރިވުމާއި، މިންވަރު ކުރެވިގެންދާ ދަތި އުނދަގޫތަކުގައި ކެތްތެރިވުމެވެ.
އިމާމް ޣަޒާލީ، ރަޙިމަހުﷲ، ވިދާޅުވަނީ، ރޯދައަކީ ކެތްތެރިކަމުގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ އިރު އެހެން އަޅުކަންތަކުގައި މިންކުރުމާއި ހިސާބު ކުރުމުގައި ތަބާވާ ގާނޫނު ރޯދައިގެ ޖަޒާގައި ފަހަނައަޅައި ދާނެ ކަމަށެވެ. އެހެންވެ އެއަށް ޖަޒާ ލިބޭނީ ހިސާބެއް ނެތި އެވެ. އައްޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތި އެވެ."
އެހެން އަޅުކަންތަކުގައި ޖަޒާ ދެއްވާ މިންގަނޑު މި ހަދީސް ގެ އަނެއް ރިވާޔަތުގައި ބަޔާންވެފައި ވެއެވެ. އެއީ "އާދަމުގެ ދަރިޔާގެ ހުރިހާ ހެޔޮ ޢަމަލުތަކެއްގެ ދަރުމަ އާއި ސަވާބު ދިހަ ގުނައިން ހަތްސަތޭކަ ގުނައަށް އިތުރު ކުރައްވައެވެ." މި މިންގަނޑު ބަޔާން ކުރެއްވުމަށް ފަހު ހަދީސް ގައި "ރޯދަ ފިޔަވައެވެ." އޮތުމުން އެނގެނީ ރޯދައަށް ޖަޒާ ލިބުން އޮތީ އެ މިންގަނޑުން ނޫން ކަމެވެ.
އެހެނިހެން އަޅުކަންތަކާ ރޯދަ ތަފާތުވާ ހަތަރު ވަނަ ސަބަބަކީ، ރޯދަ އަކީ ﷲ އާ އަޅާ އާ ދެމެދުގައިވާ ސިއްރެއް ކަމުގައި ވުމެވެ. އިބްނު ރަޖަބު، ރަޙިމަހުﷲ، ވިދާޅުވަނީ، "ރޯދައަކީ އަޅާ އާއި އޭނާގެ ރައްބު އާ ދެމެދުގައިވާ، އަދި އެހެން މީހުންނަށް އޭގެ ހަގީގަތް ދެނެ ނުގަނެވޭނެ ސިއްރެކެވެ. ސަބަބަކީ އޭގައި، މީހުންނަށް ނުފެންނަ ހިތުގެ ނިޔަތް އޮތުމާއި، ފޮރުވިގެން ތިބެ ފުއްދިދާނެ ޝަހުވަތްތަކެއް ދޫކޮށްލުން އޭގައި ހިމެނޭތީ އެވެ."
ވީމާ މީހަކު ރޯދަ ހިފުމުގައި އިޚްލާޞްތެރިވަނީ ކިހާވަރަކަށް ކަން ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ އެވެ. މިފަދަ ސިއްރު ގޮތުގައި ވެވޭ އަޅުކަމަކަށް ޖަޒާވެސް ލިބުން އެންމެ އެކަށޭނަ ގޮތަކީ ސިއްރެއްގެ ގޮތުގައި އެކަން އޮތުމެވެ. ވީމާ މި ހިކުމަތްތަކާ މެދު ވިސްނައި ރޯދައިގެ ޚާއްޞަކަން ލިބިގަތުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަދި މިންވަރު ނޭނގި ލިބޭ ޖަޒާ ގައި އެހެން އެންމެންނާ ވާދަ ކޮށްގެން ވީ އެންމެ ގިނަ ސަވާބެއް ލިބޭތޯ ކެތްތެރި ކަމާ އެކު އީމާންތެރި ކަމާއެކު ޖަޒާ އަށް ޔަގީންކަން ބާއްވައިގެން ރޯދަ ހިފުމަށް ސަމާލުވާން ޖެހެއެވެ.