ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ މަޝްހޫރު ބަތަލް ރިތިކް ރޯޝަން ފެނިގެންދާ، ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް"ގެ 4 ވަނަ ބައި އަންނަ އަހަރުގެ ކްރިމަސްގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.
އެކަން އެ ފިލްމުގެ ޑައިރެކްޓަރު އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ކުރި ޓްވީޓެއްގައި ވަނީ ކަށަވަރު ވެސް ކޮށް ދީފައެވެ.
އެ ފިލްމު އަންނަ އަހަރު ގެނެސް ދޭން ނިންމި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަކަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން "ކްރިޝް 4" ގެ ބަތަލާގެ ރޯލުން މި ފަހަރު ފެންނާނީ ކްރިތީ ސެނަން އެވެ.
ނަމަވެސް ރާކޭޝް ބުނި ގޮތުގައި ފިލްމުގެ ރޯލަކުން މި ފަހަރު ވެސް ޕްރިޔަންކާ ފެންނާނެ އެވެ.
"ކްރިޝް 3" 2013 ގައި ރިލީޒް ކުރި އިރު، އެ ފިލްމުގެ ދެ ބަތަލާއަކު ހިމެނުނެވެ. އެއީ ޕްރިޔަންކާ އާއި ކަންގަނާ ރަނާވަތެވެ. ރިތިކް ދެން އެންމެ އަވަހަށް ސްކްރީނުން ފެންނަނީ އަންނަ ޖުލައި 26 ގައި ރިލީޒް ކުރާ "ސުޕަ 30" އިންނެވެ. އަދި މި އަހަރުގެ އޭނާގެ އިތުރު ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ.