ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅައެއްބައި މަރުވެފައިވާކަމަށް ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާހައުލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޙާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ރިޕޯރޓް "ގްލޯބަލް އެސެސްމަންޓް އޮފް ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް" އިން ދައްކައިފިއެވެ.

އ.ދ. ގެ ތެރެއިން 2012 އަހަރު ވުޖޫދަށްއައި މިނިވަން ޕްލެޓްފޯމް "އިންޓަރ ގަވަރންމަންޓަލް ސައިންސް-ޕޮލިސީ ޕްލެޓްފޯމް އޮން ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާރވިސަސް" (އިޕްބެސް)ގެ ފުރަތަމަ ގްލޯބަލް އެސެސްމަންޓްގެ ޚުލާސާ ރިޕޯޓް (ސަމަރީ ފޯރ ޕޮލިސީ މޭކާސް) މިއަދު އާއްމުކޮށްފައިވާއިރު، މިއީ ދިރޭތަކެތީގެ ނަސްލާއި، ޤުދުރަތީ މާޙައުލުތަކާއި އެއިން ލިބިދޭ ޚިދުމަތްތަކާއި ގުޅޭގޮތުން މިހާތަނަށް ދުނިޔޭގެ ފެންވަރުގައި ހެދުނު އެންމެ ފުރިހަމަ، އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ރިޕޯޓެވެ.

މި ރިޕޯރޓް އިތުރަށް ބުނާގޮތުން މިހާރު ދުނިޔޭގެ ފަރުތައް ނެތިގެންދާ ނިސްބަތުގައި ނެތިގެންދާނަމަ ކައިރި މުސްތަގްބަލެއްގައި ދުނިޔޭގެ ފަރުތަކުގެ 90 އިންސައްތަ މަރުވާނެއެވެ. ދުނިޔޭގައި މިހާރު ހުރި ދިރޭތަކެތީގެ ތެރެއިން 25 އިންސައްތަ ބާވަތަށް ނެތިދިއުމުގެ ބިރު ކުރިމަތި ވެފައިވާ ކަމަށް މިރިޕޯޓު ބުނާއިރު ދިރޭތަކެތީގެ ނަސްލަށް ސީދާގޮތެއްގައި އެންމެ ބޮޑު ގެއްލުމެއްދޭ ފަސްކަންތައް މި ރިޕޯޓުގައި ދިރާސާކޮށްފައިވެއެވެ. އެއީ، މޫދާއި ބިން ބޭނުންކުރުމުގައި އަންނަ ބަދަލުތައް، ސީދާގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުންހިފުން (ނުވަތަ "ޑައިރެކްޓް އެކްސްޕްލޮއިޓޭޝަން"، މިސާލަކަށް: މަސްބޭނުން)، މޫސުމަށް އަންނަ ބަދަލުތައް، މާހައުލީ ތަޣައްޔަރުކަން، އަދި މާޙައުލަށް އަލަށް ތަޢާރަފް ކުރެވޭ ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ގެއްލުންތަކެވެ.

މިގޮތުން މި ރިޕޯޓު ބުނާގޮތުގައި މޫދުގެ މާހައުލަށާއި ކަނޑުގެ ދިރުންތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސީދާގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުންހިފުން ނުވަތަ އެކި ބާވަތްތަކުގެ މަސްވެރިކަމުންނެވެ. އެގޮތުން މޫދުގެ މާޙައުލާއި ދިރޭތަކެތީގެ ނަސްލަށް ލިބޭ ގެއްލުމުގެ 29 އިންސައްތަ ޙިއްސާކުރަނީ މަސްވެރިކަމެވެ. ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ދެނީ ކަނޑާއި މޫދުގެ ސަރަޙައްދު އެކިކަންކަމަށް ބޭނުންކުރާގޮތުންނެވެ. އަދި ތިންވަނައަށް އެންމެ ބޮޑު ގެއްލުމެއް ދެނީ މޫސުމަށް އަންނަ ބަދަލުތަކުންނެވެ.

އަތިރިމަތީ ނުވަތަ ކޯސްޓަލް ސަރަޙައްދުގައި އިންސާނުންގެ އަސަރު ނުކުރާ އެއްވެސް ހިސާބެއް ނެތްކަމަށް މި ރިޕޯޓު ބުނާއިރު މޫދުގެ ސަރަޙައްދު ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި މޫދާއި ކަނޑުގެ ސަރަޙައްދު ބޭނުންކުރުމަށް "މެރިން ސްޕޭޝަން ޕްލޭނިންގ" ހެދުން މުހިއްމު ކަމުގައި މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ބިމުގެ ސަރަޙައްދަށް ބަލާއިރު ދިރޭތަކެތީގެ ނަސްލަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ބިން ބޭނުންކުރާ ގޮތުންކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސީދާގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުންހިފުމުންނެވެ. ތިންވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ މޫސުމީ ބަދަލުތަކުގެ ސަބަބުންކަން ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ އެޕްރިލް މަހު 29ން މެއި 4 އަކަށް ޕެރިހުގައި ބޭއްވި އިޕްބެސްގެ 7 ވަނަ ބައްދަލުވުމުގައި މި ރިޕޯޓުގެ ޚުލާސާ "ސަމަރީ ފޮރ ޕޮލިސީ މޭކާސް" ނިންމައި މިއަދު އެ ރިޕޯޓް ލޯންޗްކޮށްފައިވާއިރު، ރިޕޯޓުގައި މުހިއްމު ކަންތައްތަކަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ދިރޭތަކެތީގެ ނަސްލުގެ މިހާރުގެ ޙާލަތާއި، މިޙާލަތު މެދުވެރިވާން ދިމާވި ސަބަބުތަކާއި، ދިރޭތަކެތީގެ ނަސްލަށާއި ޤުދުރަތީ މާޙައުލަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، އެނުރައްކާތަކުގެ މިންވަރާއި، މުސްތަގްބަލުގައި މިނުރައްކާތަކުގެ ސަބަބުން ދިރޭތަކެތީގެ ނަސްލަށާއި ޤުދުރަތީ މާޙާއުލަށް ވެގެންދާނެގޮތާއި، އެކަމުން ސަލާމަތްވުމަށް ގައުމުތަކުން އަޅަންޖެހޭނެ ފިޔަވަޅުތައް މިރިޕޯޓުގައި ހިމަނާފައިވެއެވެ.

މި ރިޕޯޓް އެކުލަވާލާފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ 200 އަށްވުރެ ގިނަ ސައިންޓިސްޓުން ހިމެނޭ ޓީކަމުންނެވެ. މި ރިޕޯޓު އެކުލަވާލުމުގައި 3000 އަށްވުރެ ގިނަ ދިރާސާގެ ބޭނުންކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *