ދަތުރުވެރިންގެ މާރުކޭޓުން ލެޓިއުސް މަދުވެ، ލެޓިއުސްގެ އަގު އަތްނުފޯރާ ފަށަށް މައްޗަށް ގޮއްސިއެވެ.
އެގޮތުން އިއްޔަ 150 ރުފިޔާއަށް ވިއްކި ލެޓިއުސް ކިލޯ މިއަދު ލިބެން ހުރީ 250ރ އާއި 280ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.
މުޅި ބާޒާރުގައިވެސް ރާއްޖޭގައި ހައްދާ ލެޓިއުސް ހުރީ ދެތިން ގޮޅީގައެވެ.
ދަތުރުވެރިންގެ މާރުކޭޓުން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނީ, ދިވެހިން އެންމެ ބޮޑަށް ޑިމާންޑް ކުރަނީ ރާއްޖޭގައި ހައްދާ ލެޓިއުސް އަށް ކަމަށާއި މިއަދުގެ ހަވީރު އަތަށް އަޅައިލިއިރު މުޅި ބާޒާރުން ލެޓިއުސް ވިކި ހުސްވެފައިވާ ކަމަށެވެ.
އަދި ލެޓިއުސް ފަތުގެ އަގު ކުރިއަށް އޮތް ދުވަސްވަރުގައި ވެއްޓޭނެ ކަމަށް އޭނާ ބުންޏެވެ.
"ގިނަ ބޯޓުފަހަރު މިހާރުވީ ރަށްތަކަށް ގޮސް. އެ ބޯޓުފަހަރު އައީމައި ލެޓިއުސް ލިބޭނެ. އޭރަށް އަނެއްކާވެސް އަގު ތިރިވާނެ" އޭނާ ބުންޏެވެ.
ބާޒާރުގައި މަދީ ރާއްޖޭގައި ހައްދާ ލެޓިއުސް އެވެ. ބޭރުން ރާއްޖެ ގެންނަ ލެޓިއުސް ބާޒާރުގައި މިހާރުވެސް ލިބެން އެބަހުށްޓެވެ. ބާޒާރުގައި ބޭރުގެ ލެޓިއުސް ކިލޯއެއް އުޅެނީ 100ރ އަށެވެ.