ށ. ޅައިމަގުގައި ދުއްވަމުން އަންނަ ނާލު ބޯޓު، "ކުރިމަގު" ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑުގެ ބައެއް ބައިތަކެއް ކަމަށް ބެލެވޭ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަނޑުގެ އަޑިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުލުހުންގެ ތަހުގީގުން ހޯދި މައުލޫމާތުގެ އަލީގައި ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހެއްކަމަށްވާ ލުތުފަރު އޮތްކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ފުލުހުން ޑައިވް ކޮށްގެން ބެލިބެލުމުގެ ތެރޭގައި، އެ މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަމަށްބެލެވޭ އިންސާނެެއްގެ ބައި ތަކެއް ފެނިފައިވާ ކަމަށެވެ.
ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ މީހާ ގެއްލުނުކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، ނިމިދިޔަ އޭޕްރިލް މަހު 22 ވަނަ ދުވަހުގެ 12:17 އެހާކަންހާއިރުއެވެ.
އެ ބިދޭސީ މީހާ، ކުރިމަގު ބޯޓުގައި މަސައްކަތް ކުރާތާ އަދި ވީ އެންމެ ދެ މަހެއްހާ ދުވަސް ކަމަށް ބޯޓުގެ ކައްޕި ބުންޏެވެ. އަދި އެ ބޯޓުގައި މަސައްކަތްކުރަނީ ޖުމްލަ ފަސް ބިދޭސީއަކު ކަމަށްވެސް ބުންޏެވެ. ފުލުހުން ބުނީ ކުރިމަގު ބޯޓު މާލެ ލެފުމާއެކު އެ ބޯޓަށް އަރައި، ބޯޓު ޗެކުކޮށް އަދި ކައްޕިއާއި ފަޅުވެރިންނާ ސުވާލުކުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 30 އަހަރާއި 36 އަހަރުގެ ދެ މީހެކެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އެކަމާ ގުޅޭ މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.