މާލޭގައި ވަގުތީ މާރުކޭޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އެ މޭރަމުން ވާހަކަ ދެއްކެވީ، ރޭ ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ބައިވެރިވަޑައިގަންނަވައެވެ. އެބޭފުޅާ ވިދާޅުވީ، މާލެ ތެރޭގައި ހިމެނޭ އަމިއްލަ ފަރާތްތަކުގެ ހުސް ޖާގަތަކުގައި މާރުކޭޓުތައް އެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އެކިއެކި ރަށްރަށުން ހައްދާ ކާބޯތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓު ތައްޔާރުކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް އެބަ ކުރިއަށްދޭ. އެތަންތަން މާދަމާ ހުޅުވާލެވޭނެ ކަމަށް އަޅުގަނޑުމެން މި އުންމީދުކުރަނީ. އޭގެ ތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ވިލިމާލޭގައި ވެސް އަލަށް ވަގުތީ މާރުކޭޓެއް އަޅުގަނޑުމެން އެބަ ހަދަން،" އޭނާ ވިދާޅުވިއެވެ.

ޝަމާއު ޝަރީފް އިތުރަށް ވިދާޅުވީ، މާދަމާއަށް މާލޭގައި އޮންނަ ހުސް ޖާގަތަކުގައި މާރުކޭޓް ގޮޅިތައް ނުހެދުނަސް، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެމަސައްކަތްތައް ނިންމާލޭނެ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެމްޕީއެލްގެ ނޯތު ހާބަރު ތެރޭގައި ވެސް ގޮޅިތައް ތައްޔާރުކޮށް، އެތަންތަނުގައި ވެސް ރާއްޖޭގައި ހައްދާ ބާވަތްތައް ވިއްކުމަށްޓަކައި އެ ސަރަހައްދުގައި ވެސް މާރުކޭޓެއް ގާއިމުކުރެވޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *