މާލޭގައި ހުންނަ އިންޓަނޭޝަނަލް ފުޑް ސަޕްލައިގެ އޮފީސް ފަޅާލައި ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އިންޓަނޭޝަނަލް ފުޑް ސަޕްލައި އޮފީހުން ވައްކަން ކުރިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 8:42 ގައި ކަަމަށާއި އެ އޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ވަގަށް ގެންގޮސްފައި ވަނީ 234،923 ރުފިޔާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މީގެ އިތުރުން އެތާނގެ މޭޒެއްގެ ވަތްގަނޑެއް ފަޅާލައި އެ ވަތްގަނޑުގައި ހުރި ފައިސާތަކެއް ވެސް ގެންގޮސްފައިވާ ކަމަށެވެ. ވަތްގަނޑުން ނަގައިގެން ގެންދިޔަ ފައިސާ އާއި ލައިގެން ޖުމްލަ 315،823ރ ވަގަށް ގެންދިޔަ ކަމަށެވެ.
އެ ހާދިސާ ތަހުގީގު ކުރުމަށްޓަކައި ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ. ކޮންމެ އަަހަރެއްގެ ރޯދަ މަހު ހެނދުނު ގިނަ ބަޔަކު ނިދާފައި ތިބޭ ވަގުތު މާލޭގައި ކުރާ ވައްކަންތައް އިތުރުވެ އެވެ.