ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އެކަނި އިސްކަން ނުދިނުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިލްތިމާސްކުރައްވައިފިއެވެ.
މާދަމާ ފެށިގެންދާ މިއަހަރުގެ ރަމަޟާން މަހާއި ގުޅިގެން ރައީސް ޞާލިހް ނެރުއްވި ހިތާބެއްގައި ވިދާޅުވެފައިވަނީ، ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ޘަވާބަށް ވިސްނައިގެން، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް ހުރިހާ ވިޔަފާރިވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރަމަޟާން މަހާ ކުރިމަތިލާއިރު، އިސްލާމްދީނުގެ އިޖްތިމާޢީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭކަމަށާއި އަދި، މުޖުތަމަޢުގެ ރީތި ހަމަތަކާއި އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫޙު ރަމަޟާން މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކެތްތެރިވުމާއި އަނެކުންނަށް މަޢާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން ބާރުއަޅާ އެންމެ މުހިންމު ކަންތައްތައް ކަމަށާއި އަދި އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތަކެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރޯދަ މަހަކީ، ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި ވަރަށް އަގުހުރި ރަނުގެ ފުރުސަތެކެވެ. ރަހުމަތާއި ފާފަ ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ހޯދުމަށްޓަކައި މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވައި، ސަދަގާތް ދިނުން އިތުރުކުރުމަށް ރައީސް ގޮވާލެއްވި އެވެ.