މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ރަމަޟާން މަސް ދިވެހިންނާއި ބައްދަލު ކުރާއިރު ބާޒާރުގައި ތަކެތީގެ އަގުތައް މިވަނީ އުފުލިފައެވެ.

އެގޮތުން ރޯދަ މަހު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ މިރުހުގެ އަގު ބާޒާރުގައި ވަނީ ބޮޑުތަނުން އުފުލިފައެވެ. ހާއްސަ ގޮތެއްގައި ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ވަނީ ރަނަށްވެފައެވެ.

މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކަމުން އަންނަނީ 1،000 ރުފިޔާއާއި 12،00 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އެއީ 100 ގްރާމް މިރުސް 100 ރުފިޔާއާއި 120 ރުފިޔާއާއި ދެމެދުގެ އަގުތަކަށެވެ.

ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1،000 ރުފިޔާއިން 1،200 ރުފިޔާއަށް އުފުލިފައި މިވަނީ އެންމެ ދުވަހެއްގެ ތެރޭގައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުވެސް ކަނޑޫދޫ މިރުސް ކިލޯއެއް ބާޒާރުގައި ވިއްކީ 950 ރުފިޔާއާއި 1،000 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ކަނޑޫދޫ މިރުސް ވިއްކަމުން އަންނަ ވިޔަފާރިވެރިއެއް ބުނީ މިރުހުގެ އަގު އެހާ ބޮޑަށް އުފުލިފައިވަނީ ކަނޑޫދޫއިން މިރުސް ލިބޭ މިންވަރު މަދުވުމުން ކަމަށެވެ.

"ވަރަށް ނުލިބޭ މިހާރު މިރުސް. އެހެންވެގެން މިހާ ބޮޑަށް އަގު އުފުލިގެން މިއުޅެނީ އަދިވެސް އަގު އުފުލާނެ" އޭނާ ބުންޏެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއަހަރުގެ ހޫނު މޫސުމާއި ގުޅިގެން ރަށުގައި މިރުހުގެ ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، ބައެއް މިރުސް ދަނޑުތަކުގައި ހުރި މިރުސް ގަސްތައް މަރުވެފައިވާ ކަމަށެވެ. އަދި މިހާރު ރަށުގައި މިރުސް ހުރި ދަނޑުތައް މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިޔަފާރިވެރިން ބުނާ ގޮތުން ކަނޑޫދޫ މިރުހުގެ އަގު ރަމަޟާން މަހުގައިވެސް ނުވެއްޓޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *