އިންޑިއާގެ އޮޑީޝާއަށް އެރި ނުރައްކާތެރި ތޫފާން ފަނީގެ ސަބަބުން 16 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ސަރުކާރުން ވަނީ 10،000އަށް ވުރެވެސް ގިނަ އަވަށްތަކުގެ މީހުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި، ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި 52 އާރބަން ސަރަހައްދަށް ތޫފާން ފަނީގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރިއެވެ. ގާތްގަނޑަކަށް 10 މިލިއަން އެއްހާ މީހުންނަށް ވަނީ މި ހާދިސާގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ތޫފާން ފަނީގެ ސަބަބުން މަރުވި މީހުންގެ އަދަދު 16 އަށް އެރީ އިއްޔެއެވެ. މިގޮތުން ބަލާއިރު މަޔުރބަންޖް ސަރަހައްދުން، ޕޫރީ، ބަބަނޭސްވަރ، ޖަކްޕޫރ ހިސާބުތަކުން މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އިންޑިއާ ކަނޑުގެ ހިސާބުތަކަށް ކުރަަމުން އަންނަ ތޫފާން ފަނީގެ އަސަރު ވަރަށް ގަދައެވެ. މި ގޮތުން ބަނގްލަދޭޝް އަދި ސްރީ ލަންކާއަށް ވެސް އަންނަނީ ކޮންމެވެސް ވަރަކަށް މި ފަނީގެ އަސަރުތައް ފޯރަމުންނެވެ. އެ ހުރިހާ ގައުމުތަކެއްގެ ސަރުކާރުންވެސް އަންނަނީ ސަލާމަތީ ރައްކާތެރިކަން ބޭނުންވާ ހިސާބުތަކަށް ވީ ވަރަކުން، އެހީތެރިކަން ފޯރުކޮށްދެމުންނެވެ.