އައްޑޫ ސިޓީގެ ހަންކެނޑެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގެ ފަޅު ރަށެއް ކަމަށްވާ ހަންކެނޑެ ސަރައްހަދުން އިންސާނެއްގެ ކަށިތައް ފެނިފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކުރީ މިއަދު 15:45 ހާއިރު ކަމަށާއި އަދި އެ ކަށިތަކަކީ ވަރަށް ދުވަސްވެފައިވާ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ސަރަހައްދަކީ ކުރީ ޒަމާނުގައި މީހުން ވަޅުލައި ހެދި ސަރަހައްދެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
އެ ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.