އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކަށް ފައިބަރ އޮޕްޓިކް ނެޓްވާކް މެދުވެރިކޮށް، ސުޕަނެޓް ޚިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫ ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑް ފުވައްމުލަކުގައި ތައާރަފްކުރެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދާއި ފުވައްމުލަކުގެ މޭޔަރު، އަބްދުﷲ ފަލާހް ޝަރީފް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާންގެ ހާޒިރުގައި، އެރަށު ތުނޑީގައި މިއަދު އުރީދޫން ކުރިއަށް ގެންދިޔަ ހާއްސަ މާހެފުމެއްގަ އެވެ.
އުރީދޫއިން ހާމަކުރައްވާ ގޮތުގައި ފުވައްމުލަކިގައި ތަޢާރަފްކުރި ސުޕަނެޓްގެ އެހީގައި 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑު ލިބޭ ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް، އުރީދޫ ސުޕަނެޓް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
އެ ކުންފުނިން ބުނީ އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބަރގެ އެހީގައި، ފުވައްމުލައް ވެގެންދާނީ ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީއަށް ކަމަށެވެ.
"ފުވައްމުލައް ސިޓީ އަކީ، ރާއްޖޭގެ އެންމެ ދެކުނުގައިވާ، ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއް. މި ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ ގިގަބިޓް ކޭޕަބަލް ފައިބަ ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ ފުވައްމުލަކުގެ ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު މާކެޓްގެ އެންމެ ރަގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބޭނެ ކަމަށެވެ.އަދި ސުޕަނެޓްގެ ޚިދުމަތް އެރަށުގައި ތައާރަފްކުރުމާ ގުޅިގެން އަންނަ މަހުގެ ފަހެއްގެ ކުރިން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ އޮފާ ތަކެއް ތައާރަފްކޮށްފަ އެވެ.
އެގޮތުން ކޮންމެ ޕެކޭޖެއް ނެގިޔަސް، ހަމަސް ދުވަހުގެ މުއްދަތަށް، މަދުވެގެން 20 އެމްބީޕީއެސް ޕްކޭޖުގެ ސްޕީޑް ފޯރުކޮށްދިނުން.ހަމަސް ދުވަހުގެ މުއްދަތަށް، އެމޭޒަން ޕްރައިމް ވީޑިއޯ މެމްބަޝިޕް ހިލޭ ފޯރުކޮށްޭނެއެވެ.
ދޭއް އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫން ފޯރުކޮށްދެ އެވެ. އަދި މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަގުބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ވަނީ ފުވައްމުލަކަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، ސުޕަނެޓްގެ ޚިދުމަތް ދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ހަމަޖައްސައިފަ އެވެ.