ލ.ގަމުގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގަނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިމަހުގެ ދެވަނަ ދުވަހު ލ. ގަމުގައި އުމުރުން 44 އަަހަރުގެ ދިވެހި ފިރިހެނަކު ރަހީނުކުރުމަށް ފަހު، ތޫނު ހަތިޔާރުން އެމީހާ އަށް ބިރުދެއްކުމަށް ފަހު އެމީހާގެ އަތުން 8900 ރުފިޔާ ފޭރިގަތުމަށް ފަހު، އިތުރު ފައިސާ ހޯދުމަށް މަަސައްކަތް ކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާ ރަހީނުކޮށް ފައިސާތަކެއް ފޭރިގަނެ، އިތުރު ފައިސާ ހޯދުމަށް އެދެމުން ދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، މިމަހުގެ 3 ވަނަ ދުވަހުގެ ރޭ 22:45 ހާއިރު، އެފައިސާ ބަލައި، ދެ މީހަކު އައުމުން، އެރަށު ޕްރޮވިންސް އޮފީސް ކައިރިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ މީހާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފިލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ މަައްސަލައިގަ ފިލި މީހާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުން ކަމަށާއި، ފުލުހުންގެ ހައްޔަރަށް ގެނައި މީހަކީ އުމުރުން 19 އަހަރުގެ ފިރެހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެ ހާދިސާގައި ރަހީނުކުރި މީހާގެ ހާލު ރަނގަޅު ކަމަށާއި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.