ދިވެހިންގެ ބޮޑު އަޣުލަބިއްޔަތަކީ ކުޅިކޮށް ކެއުމަށް ލޯބިކުރާ ބައެކެވެ. މިގޮތުން ދިވެހިންގެ ދުވަސް ފެށުމުގެ ގޮތުން ބޭނުންކުރާ ނާސްތާ އިން ފެނިގެންދާނީ ޑިސްކު-މަސްހުނި ނުވަތަ ޑިސްކު-ކުޅިކުރި ރިހާކުރުންނެވެ. އެހެން ނޫނީ ރޮށި އަދި ކުޅި ރިހަ ނުވަތަ ލޮނު މިރުސް ރިހައެވެ. މެންދުރު އަދި ރޭގަނޑު ކެއުމުގައި ދިވެހިން ޒަމާނުއްސުރެ ބޭނުން ކުރަމުން އައި ބަތާއި ގަރުދިޔައިން ވެސް ދޭ ހަމައެކަނި ރަހައަކީ ލޮނު ރަހަކަމަށް ވުމުން ދިވެހިންގެ ހިތްތަކަށް ވަރަށް އުނދަގޫވެއެވެ. އެހެންކަމުން އެ ކާނާ ކާއިރުގައިވެސް އޭގެއަށް ގިތޮޔޮ މިރުސް، ތޮޅި މިރުސް އަދި ހަމައެހެންމެ ތެލުލި ހިކި މިރުސްވެސް ބޭނުން ކުރެއެވެ. ބުނަން މިއުޅޭ ވާހަކައަކީ ކުޅިރަހައަކީ ދިވެހިންނަށް އެއާއި ނުލައި ނޫޅެވޭ، ދިވެހިންނާއި ގުޅިލާމެހިފައިވާ ރަހައެކެެވެ.
މިރުހަކީ ދިވެހިންނާ މިހައި ގުޅިފައިވާ އެއްޗަކަށް ވާއިރު އެއިން އަޖައިބުން ފުރިފައިވާ ސިއްހީ ފައިދާތައް އެކުލެވިގެންވާ ކަން އެނގޭހެއްޔެވެ؟
މިރުހުން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ
ބަރުދަންލުއި ކުރުމަށް އެހީވެދޭ
މިރުސް ކާ ވަގުތުގައި އިހުސާސްކުރެވޭ ހުރިހާ ހޫނާއި ތަދަކީ އެނާޖީއާއި ކެލަރީސް ބޭނުންކޮށްގެން އުފެދޭ ހޫނެއް ނުވަތަ ދިލައެކެވެ. ފޮނި ރަހަ ލިއްބައިދޭ ބޮޑު މިރުސްތަކަކީވެސް ގުދުރަތީ ގޮތުން ހޫނު ހަކަތަ އުފައްދައި، ހަށިގަނޑަށް އޮކްސިޖަން އެތެރެކުރާ މިންވަރު 20 މިނެޓްއަށް ވުރެވެސް ގިނައިރު ވަންދެން އިތުރުކުރުވާ އެއްޗެހިކަން ވަނީ ދިރާސާތަކުން ހޯދައިފައެވެ. އެހެންކަމުން ކުޅި ރަހަ ގަދަ މިރުހުން މި އަސަރު އަދި ވަކިން ގަދައަށް ލިއްބައިދޭނެ ކަން ކަށަވަރެވެ. ކަސްރަތުނުކޮށް، ބުރަ މަސައްކަތެއް ނުކޮށް ބަރުދަން ލުއިކުރަން ބޭނުން ނަމަ ކާންވީ، މިރުހެވެ.
އިންފްލެމޭޝަންތަކުން ދުރުކޮށްދޭ
މިރުހަކީ އޭގައި ކެޕްސެއިކިން ނަމަކަށް ކިޔޭ މާއްދާއެއް އެކުލެވިގެންވާ އެއްޗެކެވެ. މި މާއްދާއަކީ މިރުހަށް އޭގެ ކުޅިކަމާއި ދިލަ ގެނެސްދިނުމަށް މެދުވެރިވާ އަސްލެވެ. މި މާއްދާގެ އަސަރު ކެއުމުގެ ފަހުން ވަކިން ގަދަވެއެވެ. ކެޕްސެއިކިންއަކީ ނާރވް ފައިބަރ ތަކަށް ޖެހޭ މައްސަލަތަކާއި ބަލިތަކުން ދިފާއުކޮށްދިނުމުގެ އިތުރުން ނޭވާ ހިއްލުމުގެ އުނދަގުލާއި ހަކުރު ބަލީގެ ޝިކާރައަކަށް މީހާވުމުން ދުރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ މާއްދާއެކެވެ.
ތަދުކަނޑުވައިދޭ ގުދުރަތީ ބޭހެއް
ކަށިތައްތަކާއި ހުޅުތައް ބަލިކަށިވެ، ފީވުމުން ދުރުކޮށްދިނުމުގެ ގޮތުން ބޭނުންކުރާ ގުދުރަތީ ބޭސްތަކުގެ ތެރެއިން މިރުހުގައި މަތީ އަދަދަކަށް އެކުލެވިގެންވާ މާއްދާއެއް ކަމަށްވާ، ކެޕްސެއިކިން ހިމެނެއެވެ. ކުރެވުނު ގިނަ އަދަދެއްގެ ދިރާާސާތަކުން ދެއްކިގޮތުގައި ތަދުކެނޑުވުމާއި އެލާޖީތަކުން ދުރުކުރުމަށް މިރުސް އެހީވެދެއެވެ.
ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ
މިރުހުން ރަމްޒުކޮށްދޭ ގަދަ ރަތްކުލައަކީ އޭގައި މަތީ މިންވަރަކަށް ބީޓާ-ކެރޮޓީން އާއި ޕްރޯ ވިޓަމިން އޭ ގެ މާއްދާ އެކުލެވިގެންވާ ކަމުގެ ހެއްކެކެވެ. އެންމެ ދެ ސައިސަމުސާގެ ރަތް މިރުހުގައިވެސް ދުވާލަކަށް އިންސާނުންނަށް ބޭނުންވާ ވިޓަމިން ސީ ގެ 6 އިންސައްތަ އަދި ވިޓަމިން އޭ ގެ 10 އިންސައްތަ އެކުލެވިގެންވެއެވެ. މި ދެ މާއްދާއަކީވެސް ހަށިގަނޑު ތަފާތު ބަލިތަކުންނާާއި އުނދަގޫތަކުން ދިފާއުކުރުމުގައި އިސް ދައުރެއް އަދާކުރާ ދެ މާއްދާއެވެ.