ސިޙުރަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ ސިހުރު ހެދުމާއި އެކަމަށް އެދުމާއި، ސިހުރު ހަދަން އެހީތެރިވުމަކީވެސް ފާފަވެރިވާނެ ކަމެކެވެ.
ސިޙުރު ހެދުމަކީ ޝައިޠާނީ ޢަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫޙުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."
ސިހުރު ހެދުމަކީ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި ސިހުރު ހެދުން އިތުރެވެ. ރާއްޖޭގައި އާންމުކޮށް ހަދާ އުޅޭ ސިހުރަކީ ކުރިއެޅުމަށް ހުރަސް އަޅާ ސިހުރެވެ. އާއިލާގެ ތެރެއިންވެސް މި ސިހުރު ހަދާފައި އެބަހުއްޓެވެ. އަދި ކިޔެވުމަށް މޮޅު ކުއްޖެއްގެ ހަޔާތް ބަނަކޮށްލުމަށްވެސް މި ސިހުރު ހަދާފައިއެބަހުއްޓެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން އެކަކު އަނަކަކު މަތިން ފޫހިވެ ހަސަދަވެރިވުމުގެ ސަބަބެއްކަމުގައިވެސް މި ސިހުރުވެގެންދެއެވެ.
ކުރިއެމަށް ހަދާ ސިހުރަކީ ވަރަށް ފަސޭހައިންވެސް އަދި ވަރަށް އަނދަގުލުންވެސް ޖެހިދާނެ ސިހުރެކެވެ. އެހެނީ ގަވައިދުން ނަމާދުކޮށް ހެޔޮއަމަލުތައް ކުރާ މީހުންނަށް މި ސިހުރު ޖެހުމަކީ ދުރުކަމަކަށްވާތީއެވެ. ނަމަވެސް ފާހިޝް އަމަލުތައްކޮށް، މުންކަރާތްތަކަށް އަރައިގަންނަ ފަރާތްތަކަށް މި ސިހުރު ޖެހުން އަވަހެވެ. އަދި އޭގެ އަލާމާތްތައް ފެނުންވެސް އަވަސްވާނެއެވެ.
ކުރިއެޅުމަށް ހުރަސް އަޅާ ސިހުރު ޖެހިފައިވާ ނަމަ ފެންނާނެ ބައެއް އަލާމާތްތައް
- ކިޔަވާ ކުއްޖެއް ނަމަ ކިޔެވުން މަތިން ފޫހިވެ ފިލާވަޅު ހެދުމަށް ފަރުވާ ކުޑަކުރުން
- ވަޒީފާ އަދާކުރާ މީހެއްނަމަ އެކަމަށް ފަރުވާ ކުޑަކުރުން
- ހަވާލުކުރާ މަސައްކަތްތައް ކިތަންމެ ނިންމާހިތް ވިނަމަވެސް މަސަައްކަތް ކުރުމަށް ފޫހިވުން
- އަބަދު ހިތް ނުތަނަވަސް ވެފައި ހުރުން
- ކަންކަމާއި އަވަހަށް ހާސްވުން
- ބިރުވެރި ހުވަފެންތައް، ނުވަތަ ފެނިގެން ނުވާނެ ހުވަފެންތައް ފެނުން ( މިސާލަކަށް އުސް އިމާރާތްތަކުން ވެއްޓޭ މަންޒަރު، ގަނބުރު، އަދި އަލިފާންގަނޑަށް ވެއްޓޭ މަންޒަރު )
- ދިރިއުޅޭ މާހައުލުގައި އުޅޭ މީނުންދެކެ ރުޅި އައުން
- ސިއްހީ ބަލިމަޑުކަމެއް ނެތި އަތްފައި އައްސިވުން
- ސިއްހީ ބަލިމަޑުކަމެއް ނެތި ހަށިގަނޑުގެ ވަކި ތަނެއްގައި ރިއްސުން ނުވަތަ ކެހުން
- ކަންކަން ފަސޭހައިން ހަނދާން ނެތުން
- އަޅުކަންތައް ކުރަން ފޫހިވުން
- އެކަނި ހުރުމަށް ލޯބިކުރުން
އިސްވެ މިދެންނެވުނު ބައެއް އަލާމާތްތަކުގެ އިތުރުންވެސް ކުރިއެޅުމަށް ހުރަސް އެޅުމުގެ ގޮތުން ސިހުރު ހަދާފައިވާނަމަ ބައެއް ކަހަލަ އަލާމާތްތައް ފެނުން އެކަށީގެންވެއެވެ.
ސިހުރުން ރައްކާތެރިވާނީ ކިހިނެތް
ކުރިއެޅުމަށް ހުރަސް އެޅުމަށް ހަދާފައިވާ ސިހުރުގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަމަށް ފަރުވާކުރުމަކީ މުހިންމު ކަމެކެވެ. އެންމެ މުހިންމު ފަރުވާ އަކީ ފަރުޟު ފަސް ނަމާދު ކުރުމާއި އެކު ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމެވެ. އަދި ރަހުމާން ސޫރަތާއި، ތަބާރަ ސޫރަތް ގިނަގިނައިން ކިޔެވުން މުހިންމެވެ. މީގެ އިތުރުން ރަހުމާން ސޫރަތުގައި ހިމެނޭ ރަހުމަތުގެ އާޔަތްތައް ފެންތަށްޓަކަށް ކިޔެވުމަށް ފަހު އެ ފެން ބުއިން ނުވަތަ ގައިގައި އުނގުޅުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ކަޅުބޮކަރު ތެޔޮ ކަންފަތާއި ދެއަތްތިލައިގައި ހޭކުމަކީވެސް ކުރުމަކީވެސް ކުރެވިދާނެކަމެކެވެ. މިދެންނެވުނު ކަންތައްތަކުގެ އިތުރުން އިސްލާމްދީން ހުއްދަ ކުރާ ގޮތުގައި ރުގްޔާކޮށްގެންވެސް ފަރުވާ ކުރެވިދާނެއެވެ.