އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ރާއްޖެ އަންނަ ބިދޭސީންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލެއަށް އެކަނި ބަލާލިއަސް ފާހަގަ ކުރެވޭނެ ކަމަކީ ބިދޭސީން އުޅޭލެއް ގިނަކަމެވެ. ބިމުގެ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާ، މި ކުޑަކުޑަ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ބޭރު ބައެއްގެ އާބާދީ އިންތިހާއަށް އަރައިގެން ދިޔުމަކީ ދިވެހި ބިމަށް އުފަން މީހުންނަށް އެކި ގޮތްގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމެއްކަން ޔަގީނެވެ. އޭގެ ކުޑަ މިސާލަކަށް އަލިއަޅުވައިލާނަމެވެ.

ހުކުުރު ދުވަހަކީ، ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ތެރެއިން ބޮޑު އަޣުލަބިއްތެއްގެ މީހުންނަށް ޗުއްޓީގެ ގޮތުގައި ހޭދަކޮށްލަން ލިބޭ ދުވަހެކެވެ. ރާއްޖޭގައި މަސައްކަތްކުރަން ގެންގުޅޭ ގިނަ ބިދޭސިންނަކީ ވަރަށް ގިނައިރު ބުރަ މަސައްކަތްކޮށް އުޅޭ ބައެއް ކަމުން، ލިބޭ ބަންދު ދުވަހަކީ އެމީހުންވެސް ވަރަށް އަމާންކަމާއި ހިތްހަމަޖެހިގެން ހޭދަކޮށްލާ ދުވަހަކަށް ހެދުމަށް އެމީހުން ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއެވެ. މި ގޮތުން ދިވެހި ސަރުކާރުން ޢާންމު ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށްޓަކައި ބިނާކޮށްފައި ހުންނަ ތަންތަނަށް ދިޔުމަކީ ބިދޭސިން ލޯބިކުރާ ކަމެކެވެ. މި ގޮތުން އެންމެން އެއްބަސް ކިޔައިފައި، ގިނަ އަދަދެއްގެ ބިދޭސިން ބައިބަޔަށް އެއްވާ ތަންތަނުގެ ތެރޭގައި އާޓިފިޝަލް ބީޗް، ރާޅުގަނޑު ސަރަހައްދު، ރަސްފަންނު، ޖުމްހޫރީ މައިޒާން، އެކުވެނި ދުވާ ޓްރެކް ފަދަ ތަންތަން ހިމެނެއެވެ.

ބިދޭސިން މިފަދަ ތަންތަނަށް ގޮސް އެމީހުންގެ ރަށު މީހުންނަށް ގުޅައި އާއިލީ ގުޅުން ބަދަހި ކުރުމާއެކު، ރާއްޖޭގައި ތިބި އެމީހުންގެ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށް ކަންތައް ކުރެއެވެ. ޖުމްލަކޮށް ބަލާއިރު ބިދޭސިންގެ މި ޢަމަލުތަކުުގައި ކުށެއް ނުވަތަ ކަންބޮޑުވުން ފާޅުކުރަން ޖެހޭ ކަމެއް ނެތެވެ. ހިތާމައަކީ، އަހަރެމެންގެ އަމިއްލަ ބިމުގައި، އަހަރެމެންނަށް ލިބޭ ބަންދު ދުވަހުގައި ހަމަޖައްސާލައި ހިތް އުފާކޮށްލަން ތިބޭނެ ތަންތަން މަދުވުމެވެ.

ހުކުރު ދުވަހަކީ ހަމައެކަނި ބިދޭސިންނަަށް ލިބޭ ބަންދު ދުވަހެއްނޫނެވެ. އެންމެންނަށްވެސް އެނގޭނެ ފަދައިން ހުކުރު ދުވަހާއި ހޮނިހިރު ދުވަހަކީ ދިވެހިރާއްޖޭގެ ސަރުކާރު ބަންދު ދެ ދުވަހެވެ. ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒިފުންނާއި އިސްކޫލު ކުދިންނަށް ހަފްތާ ބަންދަކަށް ލިބިގެންދަނީ ދެ ދުވަހުގެ މުހުލަތެކެވެ. މަސައްކަތުގެ މާހައުލުގައި އަދި ސްކޫލުގެ މާހައުލުގައި އަވަދިނެތި ހަފްތާއަކު ފަސްދުވަސް ނުވަތަ ހަތަރު ދުވަސް އުޅުމަށްފަހު ޗުއްޓީގެ ގޮތުގައި ލިބޭ އެންމެ ދުވަހަކީވެސް ދިވެހިންނަށް ލިބޭނެ އަގުބޮޑު ވަގުތުކޮޅެއް ކަން ކަށަވަރެވެ.

ދިވެހިންނަކީ ވަރަށް އެއްބައިވަންތަ އަޚްވަންތަ ބައެއް ކަމުން ލިބޭ ބަންދު ދުވަސްތަކާއި، ހުސް ވަގުތުތައް ހޭދަކުރުމުގައި ގިނަ ދިވެހިން އިޚްތިޔާރުކުރަނީ ވައިދައުރުވާ، ހިތްހަމަޖެހޭ މާހައުލަކަށް ދިޔުން އެއީ ދިވެހިންގެ ކިބައިން ފެންނަ އާދައެކެވެ. މި ކަމުގެ މިސާލަކަށް މީގެ 10 ވަރަކަށް އަހަރު ކުރިން އާޓިފިޝަލް ބީޗް ފަދަ ތަންތަނުގައި ހުކުރު ދުވަހުގައި ދިވެހިން އެއްވެ އުޅޭ އުޅުން ފުދޭނެއެވެ. އޭރު އެތަނުން ފެނިގެންދާނީ ގިނަ އަދަދެއްގެ އާއިލާ މީހުންނާއި ރަހްމަތްތެރިން އެކުވެ، ގުޅުން ބަދަހި ކުރަމުންދާ މަންޒަރެވެ. ނަމަވެސް އެހާރާއި މިހާރު ވަރަށް ތަފާތެވެ. މިހާރު ހުކުރު ދުވަހެއްގެ ހަވީރުގައި އާޓިފިޝަލް ބީޗް ނުވަތަ ޖުމްހޫރީ މައިޒާނަށް ދިޔުމުން މުޅިންވެސް ފެނިގެންދާނީ ބިދޭސީންތަކެއްގެ ބީރައްޓެހި މޫނުތަކެވެ. އިވިގެންދާނީ އެމީހުންގެ ފަރަންޖީ ބަހުރުވައެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. ލިބޭ ބަންދު ދުވަހުގައި ދިވެހިންގެ އަމިއްލަ ބިމުގައި، ދިވެހިން މި ޖެހެނީ އިށީނދެ އިނދެލާނެ ތަނެއް ނެތިގެން އުޅޭށެވެ. ހަނދާނަކަށް ފޮޓޯއެއް ނަގައިލި ނަމަވެސް އޭގެއިން ފެންނަނީ ނުދަންނަ މޫނުތަކެވެ. އަހަރެމެންގެ ލެއާއި ގުޅުމެއް ނުވާ، ބަޔަކު އަހަރެމެންގެ ފަސްގަނޑުގައި ހަމަހިމޭންކަމާއެކު އަމާންކަމާއެކު "ޚިސާރު" ކުރަމުން މިދަނީ ޚުދު އަހަރެމެންގެ "ހުއްދަ"އާއެކުގައެވެ.

ސުވާލަކީ، ބިދޭސީން ރާއްޖޭގައި މަދު ކުރެވޭނެ އެއްވެސް ގޮތެއް ނެތީހެއްޔެވެ؟ މީގެ ޖަވާބަށް ވަރަށް ގިނަ ބަހުސްތައް ކުރެވިދާނެއެވެ. "ދިވެހިންނަކީ ހިތްމޮޅު ބައެއް ކަމުން ބުރަމަސައްކަތާއި ހަވާލުވުމަށް ދިވެހިން ފަސްޖެހުމުން ދެން އެ ކަންތައް ކުރަން ޖެހޭނީ ބިދޭސީން ގެންނާއެއްނުންހޭ" ބުނާ މީހުންގެ އަދަދުވެެސް މަދެއް ނޫނެވެ. މައްސަލައެއް ނެތެވެ. ދިވެހިން ހިތް ފޮނީއެވެ. ނަމަވެސް އެއްކަލަ ބިދޭސިންގެ އާބާދީ ގިނަވުމާއި ހެދި މި "ހިތް ފޮނި ދިވެހިން" މިއަދު މި ވަނީ އެމީހުންގެ އަމިިއްލަ އުފަލުން މަހްރޫމްވެފައެވެ.

ލިބޭ ބަންދު ދުވަހެއްގައި ހޮޓަލަކަށް ނުވަތަ ފެންވަރު މަތީ ރެސްޓޯރެންޓަކަށް ބައެއް ދިވެހިން ގަވާއިދުން ގޮސް އުޅުން ނަމަވެސް، އަދިވެސް ގިނަ ދިވެހިން އެމީހުންގެ ޗުއްޓީ ދުވަސްތައް ހޭދަކޮށްލަން އެދެނީ ދިވެހިންގެ ފެހިކަން ގަދަ ގަސްތައް ކައިރީގައި، ދިވެހިންގެ މާ ރީތި ނޫ ކަނޑުން އަންނަ ވައި ލިބޭ ހިސާބުތަކުގައެވެ.

ސަރުކާރުން އަންނަނީ މިކަމަށް ޙައްލެއް ހޯދޭތޯ މަސައްކަތް ކުރަމުން ކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން އެންމެ ފަހުން ރާއްޖޭގައި ހެދުނު އެއް ފާކު ކަމަށްވާ، ރަސްރަނި ބަގީޗާއަށް ބިދޭސިން ވަންނައިރު އެމީހުން އަތުން ފީއެއް ނަގަން ވަނީ ހަމަޖެހިފައެވެ. މި ސަރުކާރުގައިވެސް ހިތް ފަސޭހަ ކޮށްލަން ދިވެހިންދާނެ މަންޒިލްތަކުގެ ގޮތުގައި ފެހިކަން ގަދަ ޕާކުތައް އެޅުމުގެ މަޝްރޫއުތައް ވަނީ ހަމަޖެހިފައެވެ. ކުރާ އުންމީދަކީވެސް އަދި އެދޭ އެދުމަކީވެސް މި ޕާކުތަކާއި މަންޒިލްތަކަކީ ކުރިން ހެދި ތަންތަން ފަދައިން ބިދޭސީންގެ "ހާއްޔަކަށް" ނުވުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *