އަހަރެމެންގެ މުޖުތަމައުގައި ގަބޫލުކުރެވިފައިވާ ގިނަ ކުށްހީތަކެއް ވެއެވެ. އެ ގޮތުން ގިނަ ބަޔަކު ދެކޭ ގޮތުގައި ބަންގި ދޭ ވަގުތާއި ކައިރިކޮށް "ހައިބަނޑަށް" ކާލުމުން އަނެއް ދުވަހު ރޯދަޔަށް ހުރުމުން ވަރުބަލިކަން އިހުސާސް ކުރެވޭ ގޮތް ކުޑަވާނެއެެވެ. 

ނަމަވެސް ހަގީގަތަކީ އެއްކަލަ ބަންގިދޭން މިނިޓަކަށް ވުމުން އެވަރަށް ފެން ބޮއެގެން ކައިގެން ހުރުމުންވެސް ދުވަހުގެ މެދާ ހަމަޔަށް އަންނަ އިރު ބަޑުހައިވެ ކަރުހިއްކާފައި ހުރުމެވެ.

ރޯދަޔަށް ހުރެ އެ ވަރުބަލިކަން އިހުސާސްވާން ބޭނުން ނުވާނަމަ ފުރަތަމަ ކަމަކަށް ހާރު ގަޑީގައި ގިނައިން ކެއުމަށްވުރެ ކެވޭ އެއްޗަަކާއި ބޮވޭ އެއްޗަކަށް ވިސްނާލާށެވެ. ރޯދަ ހިފައިގެން ހުންނަ ގަޑީގައި ހަށިގަނޑަށް އެންމެ ބޭނުންވާނީ ހާރުގަޑީގައި އެތެރެ ކުރެވޭ ޝުގާ ގުލުކޯޒް ކަމުގައިވީ ނަމަވެސް މިއީގިނަ ގަޑިއިރަށް ބާރު ފޯރުކޮށްދޭ މާއްދާއެއް ނޫނެވެ. އޭގެ ފަހުން ދެން ހަށިގަނޑުގެ ވަރު ދެމެހެއްޓިގެން ދާނީ ސްޓޯ ކުރެވިފައި ހުންނަ ގުލްކޯޒް (ގްލައިކޯގެން) އާއި ފެޓްސް އިންނެވެ.

މީގެ އިތުރުން ވަރުބަލިވުމުން އެއްކިބާވުމަށް ކުރެވިދާނެ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ.

ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން

ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޯށެވެ. މަދުވެގެން 8 ތަށި ފެން ބޯން އާދަކުރާށެވެ. ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ ހަށިގަނޑުން ވިހަތައް ބޭރުކޮށްދީ، ކިޑްނީގައި ކުޑަކަމު ނަޖިސް ގިނައިރު ހަރުލާފައިހުރުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި މިއީ ހަށިގަނޑުން ފެނާއި، ލޮނުގެ ބައި މަދުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިޔާތަކެތީގެ ގޮތުގައި، ފެނާއި، ސުރުވާ، ލޯފެޓް ކިރު، އަދި އެކި ކަހަލަ ފަންޏާއި ޖޫސް ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ.

ކެއުމުގައި ފެޓްގެ ބައި މަދުކުރުން

ރޯދަ މަހުގެ ކެއުން ބުއިމުގައި ފެޓްގެ ބައި މަދުކުރާށެވެ. އެގޮތުން ލޯ ފެޓް ކިރު، ސްކިމްޑް މިލްކް، ޔޯގަޓް، ލޯފެޓް ޗީޒް، އަދި ހަންދަމާފައި ހުންނަ ކުކުޅު، ޓާރކީ، އަދި ރެޑް މީޓް ފަދަ ބާވަތްތައް ޚިޔާރުކުރާށެވެ.

ގިނައިން ފޮނި ތަކެތި ބޭނުން ނުކުރުން

ހަކުރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ފޮނިކާތަކެތި މާގިނައިން ބޭނުންކުރުމާ ދުރުހެލިވާށެވެ. މިފަދަ ކާތަކެތި ވަރަށް އަވަހަށް ހަޖަމުވާނެ އެވެ. އަދި އޭގެން ހަކަތަ ދޫކުރާ މިންވަރު އަވަސްވާނެ އެވެ. ނަމަވެސް ކޮމްޕްލެކްސް ކާބޯހައިޑްރޭޓް އެކުލެވޭ ކާނާ ހަޖަމު ވާލެން ލަސްވެފައި އެއިން ހަކަތަ ދޫކުރާނީ ލަސްލަހުންނެވެ. މިހެންވުމުން ގިނައިރު ބަނޑުހައިނުވެ ހިފަހައްޓައިދޭނެ އެވެ. އަދި ފުރިފައި ހުންނަ ކަހަލަ އިހުސާސެއް އުފައްދައިދޭނެ އެވެ.

ނިދި ފުރިހަމަ ކުރުން

ރޯދަމަހުގައި ވެސް ކޮންމެ ރެޔަކު މަދުވެގެން 8-6 ގަޑިއިރާ ދެމެދުގެ މިންވަރަކަށް ނިދި ފުރިހަމަކުރެވޭތޯ ބަލާށެވެ. މުޅި ރޯދަމަހުގެ ރޭގަނޑު ހޭލައި ކުޅިވަރާ މަޖަލުގައި ނުނިދާ ހޭދަކުރުމުން، ދުވާލުގެ ވަގުތުތަކުގައި ތާއްޔާޖެހުމާއި، ބޮލުގައި ރިހުން ފަދަ މައްސަލަތައް ކުރިމަތިވެ، ދުވާލު ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރާގޮތް ވެއެވެ. އެހެންކަމުން ރޭގަނޑު ނިދި ފުރިހަމަކުރުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.

ގަވާއިދުން ކަސްރަތު ކުރުން

ރޯދަ މަހުގެ ދުވާލުގައި ކަސްރަތުކުރާނަމަ ހިންގުން، ސްޓްރެޗިންގ ފަދަ ލުއި ކަސްރަތެއް ކުރެވިދާނެ އެވެ. ކަސްރަތުކުރަން އެންމެ ރަނގަޅު ވަގުތަކީ ރޯދަ ވީއްލައިގެން ބައިގަޑިއެއްހާއިރު ފަހުންނެވެ. ނޫނީ ރޯދަ ވީއްލައިގެންނެވެ. ދުވާލު މާގަދަޔަށް ކަސްރަތުކުރުމަކީ ހަށިގަނޑުން ފެނުގެ ބައި މަދުވެ، ވަރުބަލިވެ، ގައިން ހަކަތަ މަދުވާނެ ކަމެކެވެ.

މަތީގައި މި ފާހަގަކޮށްލި ކަންތައް ކުރެވިއްޖެނަމަ ހަމަ ގައިމުވެސް ރޯދަ މަހުގައި އެ އިހުސާސްވާ ވަރުބަލިކަމާއި ދުރުވެވޭނެއެވެ. އަޖުމަ ބަލާލުމަށް މި ރޯދަ މަހުގައި މިކަންކަން މި ގޮތަށް ކޮށްލާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *