އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި އާފުރެން ދިމާވަނީ ނިދި އައުމުން ނޫނީ ފޫހިވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އެއީ އަހަރެމެންނަށް ގަބޫލު ކުރެވިފައިވާ ވަރަށް ބޮޑު ކުށް ހީއެކެވެ.

ސައިންސްވެރިން ހާމަކުރާ ގޮތުގައި އާ ފުރެން މެދުވެރިވާ އެންމެ ބޮޑު އެއްކަމަކީ ސްޓްރެސްގެ މިންވަރު އިތުރުވެގެން ދިޔުމާއި އެކު ސިކުނޑި ހުށިޔާރު ކަންމަތީ ބެހެއްޓުމަށް ގުދުރަތުން ލައްވާފައިވާ ވަރަށް މުހިންމު ނިޒާމެކެވެ.

އާފުރުމަކީ އެކެއްގެ ފަރާތުން އަނެކަކަށް ވާރުތަވާ ކަމެކެވެ. މިހެން މި ދެންނެވީ އާފުރޭތަން ފެންނަ މީހާ ވެސް ހަމަ އެވަގުތު އާފުރޭ ފަހަރު އަންނާތީއެވެ. 

އާފުރެނީ ސިކުނޑީގެ ކެމިސްޓްރީ އަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. އާފުރުމުގެ އެވްރެޖް ދިގުމިނަކީ ހައެއްކަ ސިކުންތެވެ. އެކަމަކު ފުލުފުލުހުން ވަރަށް ގިނަފަހަރު ވެސް އާފުރިދާނެ އެވެ.

ހޯދުންތަކުން އެނގޭ ގޮތުގައި އާފުރުމުގެ އެންމެ މުހިންމު ބޭނުމަކީ ސިކުނޑި އޭގެ އެންމެ އެކަށީގެންވާ މިންގަނޑަށް ފައްތާލުމެވެ. އެގޮތުންް ސިކުނޑިއަށް "ދޮން ބޮޑުވެއްޖެ" ނަމަ އާފުރުމުން ސިކުނޑި އަށް ފިނިކަން ލިބި އެކަށީގެންވާ ސްޕީޑަށް ފައްތާލަ އެވެ. 

ސިކުނޑިއާ ބެހޭ އިލްމުވެރިން ވިދާޅުވާ ގޮތުން ސިކުނޑީގެ ހޫނުކަން ކުޑަ މިންވަރެއް މައްޗަށް ޖެހުނަސް ކަންކަމަށް އިޖާބަ ދިނުން ލަސްވެ ހަނދާން ބަލިވާ ގޮތް މެދުވެރި އެވެ. އެހެންވެ ސިކުނޑީގެ ފިނިހޫނުމިނަށް އަންނަ ބަދަލާ އާފުރުން ވަރަށް ބޮޑަށް ގުޅިފައިވެ އެވެ. ހާސްވެ ކަންބޮޑުވުމާއި ސްޓްރެސްގެ ސަބަބުން ސިކުނޑީގެ ހޫނުކަން މައްޗަށްދެއެވެ. އެހެންވެ ބޮޑު ކަމެއް ކުރަން އުޅޭއިރު ކުރިމަތިވާ ނުތަނަވަސްކަމުގެ ސަބަބުން އާފުރުމަކީ ވަރަށް ގާތް ކަމެކެވެ.

އެކަކު އާފުރޭތަން ފެނި އެހެން އާ ނުފުރި ތިބޭނީ ދެބައެކެވެ. އެއީ ކުޑަކުދިންނާއި އޯޓިސްޓް ކުދިންނެވެ. އެ ނޫނީ އިންސާނުންވެސް އަދި ޖަނަވާރުންވެސް އެހެން މީހަކު އާ ފުރޭތަން ފެނި އާ ފުރެއެވެ. 

އެ ގޮތުން މައިބަދައެއް ހުންނަ ކޮންމެ ޖަނަވާރެއްވެސް އާ ފުރޭނެއެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *