ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން، ސަސްޕެންޝަނުގައި ހުރީ އިމިގްރޭޝަނުގެ ޒިންމާދާރު ވެރިޔާ ހާމިދު ފަތުހުﷲ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވަނީ ޒިންމާދާރުވެރިޔާ ހާމިދުގެ އިތުރުން އެސިސްޓެންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދު ކަމަށެވެ. ސަސްޕެންޑް ކުރި ދެ ބޭފުޅުންގެ ތެރެއިން ސަސްޕެންޝަން އުވާލާފައި ވަނީ އެސިސްޓެންޓް ކޮންޓްރޯލާ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދެވެ.
ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)އިން ވަނީ ހާމިދުގެ ބަދަލުގައި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމަށް އެތަނުގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އައްޔަން ކޮށްފަ އެވެ.
އިމިގްރޭޝަނުގެ ތަހުގީގެއް ސީއެސްސީއިން ފަށާފައިވަނީ އެ އިދާރާގެ އެދުމުގެ މަތިންނެވެ. އިމިގްރޭޝަންގެ ކޮންޓްރޯލަރ ކަމާއި ހަވާލުވެވަޑައިގެން މީޑިއާއަށް ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަނަފީ ވިދާޅުވީ މިދިޔަ ސަރުކާރުގައ ކަންކަން ކުރެވިފައި ހުރީ އެންމެ އެކަށީގެންވާ އުސޫލުގެ ތެރެއިން ނޫން ކަމަށާއި އުސޫލެއް އޮތް ކަމުގައި ވިޔަސް އުސޫލަށް ބެލުމެއް ނެތި ކަންކަން ހިނގާފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ ހާމިދާއި ވަހީދު ސަސްޕެންޑް ކުރީ އެއްމަސް ދުވަހަށެވެ.