ރޯދަ ހިފުމަށްޓަކައި ދުވާލު ނުކައި، ހުންނަ ހުރުމަކީ ކެންސަރު ބަލި ޖެެހުމުން ދުރުކުރުވާ ކަމެއް ކަމަށް ޖަޕާންގެ ސައެންޓިސްޓެއް ކަމަށްވާ، ލައުރިއޭޓް ޔޮޝިނޯރީ އޮސޫމީ ދޫއާއި އޭނާގެ ޓީމުން ކުރި ދިރާސާތަކުން ދައްކައިފިއެވެ.
ނޯބެލް ޕްރައިޒް ހޯދި ސައިންޓިސްޓު ބުނިގޮތުުން، ރަމަޟާން މަހުގައި ރޯދަ ހިފުމަށްޓަކައި ނުކައި ހުންނަ ވަގުތުގައި ހަށިގަނޑު، ބޭނުން ނެތް 'ބޭކާރު' ސެލްތަކުން ސަލާމަތްކޮށްދެއެވެ. ޔޮޝިނޯރީ އޮސޫމީ މި ނިޒާމަށް ދީފައިވާ ނަމަކީ 'އޮޓޮފަޒޯނީ' އެވެ. އޭނާ ބުނި ގޮތުން މި ނިޒާމު ކުރިއަށް ދަނީ ބަނޑުހައި ވެފައި ހުންނަ ވަގުތުގައާއި ކާ އެއްޗެއްސަށް ބޭނުންވެފައި ހުންނަ އިރުގައެވެ. އޭނާގެެ ދިރާސާއިން ދެއްކި ގޮތުގައި މި ފަދައިން ބަނޑުހައި ހޫނުކަމުގައި ދެމިހުރުމުގެ ނަތީޖާއަކަށް ވެގެންދަނީ ކެންސަރު ބަލި ފަދަ ނިއުރޮލޯޖިކަލް ބަލިތަކުން މީހާ ސަލާމަތްކޮށްދިނުމެވެ.
މި ހޯދުން ހޯދުމަށްޓަކައި އޭނާއަށް ވަނީ ބޭސްވެރިކަމުގެ ރޮނގުން ނޯބެލް ޕްރައިޒް ލިބިފައެވެ. އޮސޫމީ ބުނިގޮތުން، ޖެހިޖެހިގެން ތިން ދުވަހުގައި ރޯދަ ހިފުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ތާޒާވެ، އާ ވެގެންދެއެވެ. އަދި އޭނާ ވަނީ މުސްލިމުން ހިފާ ރޯދައަކީ އެންމެ އެކަށީގެންވާ ގޮތަށް ކުރެވޭ 'ބޭހެއް' ކަމަށްވެސް ބަޔާންކޮށްފައެވެ.
ހުރިހާ ސެލްތަކަކީ އެއްވައްތަރުގެ ސެލްތަކަކަށް ނުވި ނަމަވެސް ބަނޑުހައި ހޫނުކަމުގެ އަސަރު ސެލްތަކަށް ކުރެއެވެ. މި ގޮތުން ބަނޑުހައިހޫނުކަމުގެ ސަބަބުން ސެލްތައް 'އޮޓޮފަގޮޒޮމެޓް' ނަމަކަށް ކިޔޭ ޚާއްސަ ކޮތަޅުތަކަކަށް އަޅައި، ބޭނުން ނެތް ސެލްތައް ހަލާކުކޮށް، ބައެއް ބޭނުންތެރި ސެލްތައް އިއާދަކޮށްދެއެވެ.
'އޮޓޮފަޒޯނީ' ނިޒާމުގެ ނަތީޖާއެއްގެ ގޮތުން، އިންސާނުންގެ ސެލްތައް މުސްކުޅިވެ، ނެތި ދިޔުން ލަސްވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑު 'ސާފުކޮށް' ބޭނުންނެތް ބެކްޓީރިއާ ފަދަ ޖަރާސީމުގެ ބައިތައް ނައްތައިލައެވެ. އޮސޫމީ ބުނިގޮތުން، އަހަރެއްގެ ތެރޭގައި އެއްމަސް ދުވަހު ހުއްޓައިނުލައި ރޯދަ ހިފުމުގެ ނަތީޖާއަކީ 'އަޖައިބު ކުރުވަނިވި' ބަދަލުތަކެއް ހަށިގަނޑަށް އައުމެވެ.