މައިންބަފައިންނަކީ ކުޑަކުއްޖެއްގެ ހަޔާތުގައި އެންމެ މުހިންމު މީހުންނަށް ވިނަމަވެސް، އާއިލާގެ އެހެން މެންބަރުންނަކީވެސް ކުދިންގެ ހަޔާތުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެއެވެ. މިގޮތުން ބަލާއިރު ބޮޑު ދައިތައިންނަކީ ކުދިންނަށް ނަމޫނާ ދެއްކުމުގައި އިސްވެ އުޅޭ އަދި ކުދިން، އެމީހުންނަކީ ބޮޑުދައިތައިންނާ ވައްތަރުވާން ޖެހޭ ބައެއް ކަމުގައި ދެކޭ ބައެކެވެ.

ބޮޑުދައިތައިންނަކީ ކުދިން ދެކެ ކުޑައިރުއްސުރެ ވަރަށް ލޯބިވެ އަޅައިލާ ބައެކެވެ. ހަޔާތުގެ އެކި ދަނޑިވަޅުތަކުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދޭ އެންމެ މައި މީހަކަށްވެސް ގިނަ ފަހަރު ވެގެންދަނީ ހަމަ ބޮޑުދައިތައިންނެވެ. ހަމައެއާއެކު ބޮޑުދައިތައެއްގެ ސަބަބުން އެމީހުންގެ ދައްތައިންނަށް ނުވަތަ ބޭބެއިންނަށް ދަރިން ބަލައި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެހީވެގެންދެއެވެ.

ބޮޑުދައިތައިން ޚާއްސަވާ ސަބަބުތައް މިއޮތީއެވެ.

ކުދިންނާއެކު ކުޅުމަށް އަބަދުވެސް ތައްޔާރު

ބޮޑުދައިތައިންނަކީ ކުދިންނާއެއްކޮށް ވަގުތު ހޭދަކުރުމަށްޓަކައި އަބަދުވެސް ކެތް މަދުވެފައިވާ ބައެކެވެ. މިގޮތުން ކުދިންނާއެއްކޮށް ކުޅެ، ސަކަރާތްޖަހާލައި މަޖާކޮށް ހަދާލަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެމީހުން އެންމެ ރަނގަޅަށް ހިފައެވެ. އަދި ބޮޑުދައިތަ ފެންނަ ކޮންމެ ފަހަރަކު އެމީހުންނަށް ވަރަށް މަޖާއަދި ކަމުދާ ގޮތަކަށް ވަގުތުތައް ހޭދަކުރެވިގެންދާނެ ކަމުގެ ޔަގީންކަން ކޮއްކޮއިންނަށް އޮވެއެވެ.

ބޮޑުދައިތައިންނަކީ ކުދިންނަށް ވަރަށް ކަމުދާ ހަދިޔާ ދޭ ބައެއް

ކޮއްކޮއިންނަށް އެކުދިންގެ ބޮޑުދައިތައިން ދޭ ހަދިޔާތަކަކީ ވަރަށް ކަމުދާނެ އެއްޗެއް ކަމުގެ ޔަގީންކަން އަބަދުވެސް އޮވެއެވެ. އެއީ އަބަދުވެސް ކުދިން ގަޔާވާ ހަދިޔާތައް ބޮޑުދައިތައިން ދޭތީއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑުދައިތައިން ހަދިޔާއެއް ދޭން އުޅޭހެން ހީވިއަސް ކުދިން އެކަމާއި އާދަޔާ ޚިލާފަށް ޝައުގުވެރިކަން ފާޅުކުރާނެއެވެ.

ބޮޑުދައިތައިން ހަދިޔާ ދިނުމުގައި ކުދިންނަށް ކަމުދާ، އެކުދިން ގަޔާވާ ހަދިޔާތައް ދިނުމުގައި ވަރަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އަދި ކުދިން ބޭނުންވަނީ ކޮން ހަދިޔާއެއްކަން ޔަގީންނުވާ ނަމަ އެ އެއްޗެއް ދެނެގަތުމަށްވެސް ބޮޑު އަހަންމިއްޔަތުކަމެއް ދެއެވެ.

ހަރުކަށި ނުވެ، ކުއްޖާގެ ގައިގައި ރަނގަޅު އަޚްލާގެއް އަށަގަނުވައިދޭ

މައިންބަފައިންނެކޭ އެއްފަދައިން، ކުދިންގެ ބޮޑުދައިތައިންވެސް އެދެނީ އެކުދިންނަކީ ވަރަށް އަޚްލާގީ ފެންވަރު ރަނގަޅު، ރީތި އާދަތަކުން ޖަރީވެފައިވާ ބަޔަކަށް ވުމަށެވެ. އަދި މިކަމުގެ މުހިންމުކަންވެސް ވަރަށް ރަނގަޅަށް ބޮޑުދައިތައިން ދަނެއެވެ. ނަމަވެސް ގިނަ މައިންބަފައިންނަކީ މިކަންތައް ދަރިންގެ ކިބައިން ހާސިލް ކުރުމަށްޓަކައި ބައެއް ފަހަރު ހަރުކަށިކަން ދައްކާ ބައެކެވެ. ނަމަވެސް ބޮޑުދައިން ވަނީ، މަޑުމޮޅިކަމާއިއެކު ހަމަޖެހިލައިގެން ހުރެ ކުދިންނަށް ކަންކަމަށް ނަސޭހަތް ލައިދީ، އިބްރަތްތައް ދޭ ބަޔަކަށެވެ.

ކުދިންގެ މައިިންބަފައިންނާ ބެހޭ ވާހަކަތައް ހިއްސާކުރުން

ކުދިންނަށް މައިންބަފައިން އެނގިފައި އޮންނާނީ ވަރަށް ތަފާތު ބައެއްގެ ގޮތުގައެވެ. އެމީހުންގެ ޅައިރުގެ ވާހަކަތައް ނުވަތަ ނުވިސްނޭ އިރު ކޮށްފައިވާ ކަންކަން ގިިނަ ފަހަރު ކުއްޖާއަކަށް ނޭނގޭނެއެވެ. ނަމަވެސް ބޮޑުދައިތައިންނަކީ ކުދިންގެ މައިންބަފައިންގެ މާޒީގެ ސަފްހާތަކުގައިވެސް އެމީހުންނާއެކީ ގާއިމްވެ ހުރި މީހެއްކަމުން ކުއްޖާއަށް އެމީހުންގެ ތަޖުރިބާތައް ތިންވަނަ މީހެއްގެ ނަޒަރުން އެންމެ ފުރިހަމައަށް ސިފަކޮށްދެވޭނެ އެއް ފަރާތްކަން ޔަގީނެވެ.

ކުދިންނަށް މިސާލުދައްކައިދޭން ހުންނަ މީހަކަށް ވަނީ ބޮޑުދައިތަ

ކުޑަކުދިންނަކީ އެކުދިންގެ ކައިރީގައި އުޅޭ މީހުންގެ އުޅުންތައް ނަކަލުކުރާ ހިތްވާ ބައެކެވެ. އޭގެ ތެރެއިންވެސް އެކުދިންނާއި އެންމެ ގާތް، އެންމެ ލޯބިވާ މީހުންގެ ފަރާތުން ފެންނަ ކަންކަން އެކުދިންގެ ކިބައިން ދެއްކުމަކީ ކުއްޖާއަށް ލިބިގެންދާ ވަރަށް އުފާވެރިކަމެކެވެ. އެ ގޮތުން ކުއްޖާގެ ބޮޑުދައިތައަކީ ކުޑަ އިރުއްސުރެ ގާތްގުޅުމެއް ބާއްވަމުން އަންނަ، ގަޔާވާ މީހަކަށް ވުމުން ބޮޑު ދައިތައިންގެ އުޅުން ނަކަލުކޮށް އެމީހުން މިސާލަކަށް ނަގަން ކުދިން ވަރަށް ބޭނުންވާނެއެވެ.

ކުދިންނަށް ނަސޭހަތްލައިދީ، ޚިޔާލުތައް ދީ ހަދާ ބަޔަކީވެސް ހަމަ އެކުދިންގެ ބޮޑުދައިތައިންނެެވެ. މިގޮތުން ކުއްޖެއްގެ ހަޔާތުގައި ކުރިމަތިިވާ ދަތިތަކުގައި ބޮޑުދައިތައިންގެ ޚިޔާލާއި މަޝްވަރާތައް ކުއްޖާއަށް ލިބޭނެއެވެ. ގިނަ ފަހަރަށް މައިންބަފައިންނާ އޮންނަ ވަރަށް ވުރެ ގާތްގުޅުމެއް ބޮޑުދައިތައާއި އޮވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *