ކޮންމެ މީހަކީވެސް އެމީހެއްގެ ހަޔާތުގައި އެއްފަހަރު ނަމަވެސް ވަގުތު ސަލާމަތްކުރާނެ ގޮތްތަކެއް ހޯދުމައްޓަކައި މަސައްކަތް ކުރާނެ މީހެކެވެ. އެކަންތަކާއި ގުޅޭގޮތުން ވިސްނައި ފިކުރު ކުރާނެމީހެކެވެ. ހަމައެހެންމެ ދުވަހުގެ ޝެޑިއުލް ކުރިޔާލައި ރާވައި ޓޭބަލް ހަދައިންވެސް ބައެއް މީހުން ދިރިއުޅުމާއިގެން ކުރިޔަށްދެއެވެ.
ނަމަވެސް ބައެއް ފަހަރު މިހުރިހާ ކަންތައް ކޮށްގެންވެސް ވަގުތުން ވަގުތަށް ކުރަން ބޭނުންވާ ކަންތައް ނުނިންމި ދެއެވެ. އެހިސާބުން ހިތަށް އަރާނީ ތިމަންނަ އެހާ ރާވައިގެން ކަންތައް ކުރުމުންވެސް އެކަމެއް ވަގުތަށް ނުވީ ކީއްވެ ހެއްޔެވެ؟
އޭގެ ޖަވާބު ވަރަށްވެސް ސާފެވެ. އެހެނަސް އޭގެ ކުރިން ވަގުތަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. ވަގުތުގެ މާނައަކީ ކޮބައިކަން އެނގެން ޖެހެއެވެ.
ވަގުތަކީ ކަމެއް ހިނގާ ނުވަތަ ކަމެއް ކުރާ ގަނޑިއެވެ. ނޫނީ މުހުލަތެވެ. ސާދާ ގޮތަކަށް ބުނާ ނަމަ ކަން ހިނގި އިރެވެ.
ވަގުތޭ ބުނާއިރު އޭގައި ދެބާވަތެއް ވާކަން ފަހަރެއްގައި ތިބާއަށް ނޭނގި އޮވެދާނެއެވެ. އެހެނަސް އެއަކީ ވެސް އެއްބާވަތަކަށް ވުރެ ގިނަ ބަޔަށް އެކުލެވިގެންވާ އެއްޗެކެވެ.
އެގޮތުން ފުރަތަމައީ ގަނޑީގެ ވަގުތެވެ. ދެވަނައީ ދިރިއުޅުމުގައި ކަންތައް ހިނގާ ވަގުތެވެ.
ގަނޑީގައި ކޮންމެ މިނިޓަކީ 60 ސުކުންތެވެ. އަދި 60 މިނިޓަކީ އެއްގަނޑިއިރެވެ. ދުވާލެއްގައި ވަނީ 24 ގަނޑިއިރެވެ. ހަމައެހެންމެ އަހަރެއްގައި ވަނީ 365 ދުވަހެވެ. ހުރިހާ ކަމެއް މި ގަނޑީގައި ވަނީ ކުރިއާލައި ކަނޑައެޅި، އެނގިފައެވެ. އެ ގަނޑީގައި ވަކި އިރަކަށް ވަކި ބަދަލެއް ނާންނާނެއެވެ. ތިބާގެ އުމުރުން ވީ 50 އަހަރުނަމަަ އެއީ ހަަމަ ފަންސާސް އަހަރެެވެ. ކިތަންމެ ބޭނުން ވިއަކަސް އެ ދަށަކަށް ނުދާނެއެވެ.
ދެން އޮތީ ދިރިއުޅުމުގައި ވަގުތު ހިނގާ ގޮތެވެ. މި ގަނޑީގައި ވަގުތު ހިނގާނީ ތިބާ ކަންކުރާ ގޮތެއްގެ މައްޗަށެވެ. ފަހަރެއްގައި ދުވާލަކު އެންމެ ކަމަކަށް ހުސްވެގެންވެސް ބައެއް މީހުން އުޅެފާނެއެވެ. ނޫނީ މުޅި ދުވާލު އެކި ކަންކަމުގައި މަޝްއޫލުވެގެންވެސް އުޅެފާނެއެވެ. ބުނަން މި އުޅޭ އެއްޗަކީ ގަނޑީގައި ވަގުތު ހިގާ ގޮތް ކުރިއާލައި ކަނޑައެޅިފައިވާހެން ދިރިއުޅުމުގެ ވަގުތުގައި ކަންތައް އެހެން ކަނޑައެޅިފައެއް ނޯވެއެވެ. އެ ބިނާވެގެން ދާނީ އެ ވަގުތުގެ ބޭނުން ކުރާ މީހާ ކަންތައް ކުރާ ގޮތެއްގެ މައްޗަަށެެވެ.
ތިބާ ދިރިއުޅޭ އުޅުމުގައި ތިބާގެ ދިރިއުޅުން ސިފަ ކޮށްދެނީ ގަނޑީގެ ވަގުތު ތޯ ނޫނީ ދިރިއުޅުމުގައި އެ އިންނަ އަމިއްލަ ވަގުތު ތޯ ވިސްނާށެވެ.
ބައެއް ފަަހަރު އަމިއްލަޔަށް ވަގުތު "މެނޭޖް"ކޮށްގެން އުޅުމަށް އެ ކުރާ މަސައްކަތްތައް އެ ކުރަން ބޭނުންވާ ކަންތައް ނުކުރެވިދަނީ އެއީ އެއްކަލަ ގަނޑީގެ އެއިންނަ ގޮތަށް އަމަލުތައް ތާވަލް ކުރާތީއެވެ. ކުރިންވެސް ބުނިހެން ގަނޑީގެ ވަގުތަކީ ވަކި ގޮތަަކަށް ހަމަޖެހިފައިވާ ކަމެކެވެ.
ތިބާ ދިރިއުޅެނީ ގަނޑީގައި އެ ހިނގާ ވަގުތުގައެއް ނޫނެވެ. ތިބާ ދިރިއުޅެނީ ހަގީގީ ވަގުތުގައެވެ. ދިރިއުޅުމަށް ލޯ ހުޅުވަންޖެހޭ ވަގުތެވެ. ހަގީގީ ވަގުތަކީ ތިބާ ސިކުނޑިން ވިސްނައިގެން ކަންތައް ރާވައިގެން ކުރާ ކަންތަކުގައި ހޭދަވާ ވަގުތެެވެ. އެއީ ތިބާ އަމިއްލައަށް އުފައްދާ ވަގުތެވެ. ސަބަބަކީ ތިބާ އަމިއްލައަށް އުފައްދާ ކަންތަކަކީ އެއަށް ތިބާގެ ބާރު ފޯރުވެވޭނެ ކަންތަކެވެެ.
އެހެންކަމުން ވަގުތައް ކަމެއް ނުނިންމިދާނެ ކަމަށް ވިސްނާ، ވިސްނުމާއި، މިއަދު މިކަން ނުވާނޭ ކަމަށް ހިތައި ފަހުން ކުރުމަށް ބަހައްޓާ ވިސްނުން ދޫކުރަންޖެހެއެވެ. ހަގީގީ ދިރިއުޅުމުގައި އެއަށް އެކަށީގެންވާ ގޮތަށް ވަގުތު ހޯދައި އެ ލިބިގަނެ ކުރިޔަށް ދެވޭނީ އޭރުންނެވެ.