ކްލަބް މޯލްޑިވްސް ކަޕް 2019: ފައިނަލުގައި ވެމްކޯ ބަލިކޮށް، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ ކެމްޕިއަންކަން ބީއެމްއެލްއިން ހޯދައިފިއެވެ.
ކުލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ބީއެމްއެލްއިން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި 6-1 ގެ ނަތީޖާއަކުން ވެމްކޯ ބަލިކުރުމަށް ފަހުގައެވެ. މިއީ ބީއެމްއެލްއިން އެ މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. ބީއެމްއެލްއިން އެންމެ ފުރަތަމަ ކްލަބް މޯލްޑިވްސް ކަޕްގެ ތަށި އުފުލާލީ 2016 ވަނަ އަހަރު އެމްއާރްޑީސީ ބަލިކޮށެވެ.
މިރޭގެ މެޗުގައި ރަގަނޅަށް ކުޅުނީ ބީއެމްއެެލްއިންނެވެ. އެޓީމުން ޖެހި ހަ ގޯލުގެ ތެރެއިން ތިން ގޯލު ޖަހާފައިވަނީ އަލީ ހާފިޒް (ހާއްޕެ)އެވެ. ހާއްޕެ ވަނީ ބީއެމްއެލް ފައިނަލަށް ގެންގޮސްދިން މެޗުގައިވެސް އުރީދޫ ކޮޅަށްވެސް ހެޓްރިކް ހަދައިފައެވެ.
މިއަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމް ލިބުނީ ބީއެމްއެލްގެ ސިނާއަށެވެ. އަދި 25 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް އުރީދޫގެ މުހައްމަދު ރިޝްފާންއަށް ލިބުނު އިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުއާޓަރ ފައިނަލުން ކެޓި ޕްރިޒަން ކްލަބްއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ 2016 ވަނަ އަހަރުވެސް ބީއެމްއެލަށް ތަށި ހޯދައިދިން ކޯޗު އިސްމާއީލް އަނިލް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ވެމްކޯގެ ޝާކާ އަށެވެ. ޝާކާ ވަނީ 16 ގޯލު ޖަހައިފައެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބީއެމްއެލްގެ ސައްޓު އާއި އެޓީމުގެ ހާއްޕެ އަދި ކީޕަރު ޝަފީއުގެ އިތުރުން ކްލަބް ވެމްކޯގެ ގަބޭ އާއި ޝާކާއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހާއްޕެއެވެ.