އުރީދޫ މޯލްޑިވްސްގެ މާހެފުން މާދަމާ ހެނދުނު 8:00 ފެށިގެން ހަވީރު 6:00 ވަންދެން ފުވައްމުލަކު ތުނޑީގައި ބާއްވަން ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި، މާދަމާ ހެނދުނުން ފެށިގެން އިރުއޮއްސެންދެން ފުވައްމުލަކު ތުނޑީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫގެ މާހެފުމުގައި، މޯލްޑިވިއަން އައިޑޮލްގެ ތަރި ޝަލަބީ އިބްރާހިމް ބައިވެރިވާނެއެވެ. އުރީދޫއިން މާދަމާ ފުވައްމުލަކުގައި ބާއްވާ މާހެފުމަކީ އެ ސިޓީގެ ކައުންސިލާއި ވެސް ގުޅިގެން ބާއްވާ މާހެފުމެކެވެ.
އުރީދޫން ބުނީ މާދަމާގެ މާހެފުމުގެ ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ މަޑިއެރުވުމުގެ ހަރަކާތަކާއި، ފުޑް ފެސްޓިވެލްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާދަމާ ހަވީރު 4 ޖަހާއިރު އުރީދޫގެ ވަރަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީގެ ތުނޑިއަކީ އެތައް ބަޔަކު އެތަނެއްގެ ރީތިކަމުގެ ވާހަކަ ދައްކާ ތަނަކެވެ. އަދި އެ ރަށު ކައުންސިލުން ކޮންމެ އަހަރުކުވެސް މާހެފުން ބާއްވައެވެ. ފުވައްމުލަކު ތުނޑީގައި ކޮންމެ ރަމަޟާން މަހާއި ދިމާކޮށް އޮންނަ މާހެފުމުގެ ހަރަކާތަކީ އިޖްތިމާއީ ގުޅުމުގެ އާދަޔާ ހިލާފު މިސާލެއް ފެނިގެންދާ އިޖްތުމާއީ ބޮޑު އެއްވުމެކެވެ.