ރަމަޟާން މަސް ފެށެން މިވަނީ ދޭއް ނުވަތަ ތިން ދުވަހަށް ވެފައެވެ. ރަމަޟާން މަސް އައިސް ދިވެހިންނާއި ބައްދަލުކުރަން ކުޑަތަންވެފައިވާއިރު ބާޒާރުގެ ބައެއް ތަކެތީގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އެގޮތުން ރޯދަ މަހު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ މިރުހުގެ އަގު ބާޒާރުގައި ވަނީ އުފުލިފައެވެ. ހާއްސަ ގޮތެއްގައި ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ވަނީ ރަނަށްވެފައެވެ.

އިއްޔެއާއި މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކަމުން އައީ 950 ރުފިޔާ އާއި 1000 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އެއީ ކަނޑޫދޫ މިރުހުގެ 100 ގްރާމް މިރުސް 90.5 ރުފިޔާއާއި 100 ރުފިޔާގެ އަގުތަކެއްގައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން މާރުކޭޓުގައި ކަނޑުދޫ މިރުސް ކިލޯއެއް ލިބެން ހުރީ 800 ރުފިޔާއަށެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ކަނޑޫދޫ މިރުސް ވިއްކަމުން އަންނަ ވިޔަފާރިވެރިއެއް ބުނީ މިރުހުގެ އަގު އެހާ ބޮޑަށް އުފުލިފައިވަނީ ކަނޑޫދޫއިން މިރުސް ލިބޭ މިންވަރު މަދުވުމުން ކަމަށެވެ.

"ވަރަށް ނުލިބޭ މިހާރު މިރުސް. އެހެންވެގެން މިހާ ބޮޑަށް އަގު އުފުލިގެން މިއުޅެނީ" އޭނާ ބުންޏެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއަހަރުގެ ހޫނު މޫސުމާއި ގުޅިގެން ރަށުގައި މިރުހުގެ ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، ބައެއް މިރުސް ދަނޑުތަކުގައި ހުރި މިރުސް ގަސްތައް މަރުވެފައިވާ ކަމަށެވެ.

އަދި ރަމަޟާން މަސް އައިސް ބޯމަތިވި އިރު ރަށުގައި މިރުސް ހުރި ދަނޑުތައް މަދުކަން ނާސިހު ފާހަކުރެއްވިއެވެ.

ވިޔަފާރިވެރިން ބުނާ ގޮތުން ކަނޑޫދޫ މިރުހުގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދާނީ އުފުލެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *