އިންޑިއާ އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ނޯވޭގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، އިންޑިއާ އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ނޯވޭގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ، މިއަދު ހެނދުނު 9:10 ހާއިރު ކަމަށާއި، އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު އެ ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެފް އުޅަނދަށް ނަގާފައި ކަމަށެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ހާލު ބޮޑުވެގެން އެމްއެންޑީއެފުން އެހީތެރިވެފައިވަނީ އުމުރުން 49 އަހަރުގެ ފިލިޕީންސް ފިރެހެނަކަށް ކަމަށެވެ. ސިއްހީ އަވަސް ފަރުވާ ދިނުމަށް މި މީހާ ސ.ހިތަދޫއަށް ގެނެސްދީފައި ވަނީ އުސް ހަރުގަނޑަކުން ބޯޓުތެރެއަށް ވެއްޓި ލިބުނު ޒަހަމްތަކަކާއި ގުޅިގެން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.