ފާޅުކުރާ ޚިޔާލެއްގެ ސަބަބުން މިސަރުކާރުން، ނޫސްވެރިން ހިފައި ހައްޔަރުނުކުރާނެ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންމިދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އެބޭފުޅާ ނެރުއްވި ހާއްސަ ޚިތާބުގައި ވިދާޅުވެފައިވާ ގޮތުގައި، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މިސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމަށާއި، ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް، މިސަރުކާރުން ޤާނޫނުތައް ނުހަދާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަނީ، މިހާރަށްވުރެ މިނިވަން ވެއްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދީ، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅައިދިނުމަށް ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން، ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ، ދެފުށް ފެންނަ ގޮތަށްކަމަށާއި، ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ނޫސްވެރިކަމުގެ ސަޤާފަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން ނޫސް ވެރިކަމުގެ މިނިވަންކަމުގެ ލަގަން އޮންނަނީ ސަރުކާރުގެ މުށުތެރޭގައި ކަމަށެވެ. އެކަމުގެ ސަބަބުން އޭރުއޮތީ މުޅި ދައުލަތުގެ ހިނގުން ބޮއްސުންލައި، ވައްކަމާއި، ކޮރަޕްޝަން އާންމުވެގެން ގޮސްފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ، އިންޓަރނެޓް ބްލޮގަރ ޔާމީން ރަޝީދުގެ ޢާއިލާއަށް އިންޞާފު ހޯދައިދިނުން ކަމަށެވެ. މީގެ އިތުރުން މިކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި، ކުރިއަށް ދާނެކަމަށާއި، އެ ދެ ޒުވާނުންގެ މަސައްކަތް ރަމްޒުކޮށްދެނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމުކަން ކަމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.