ނޫސްވެެރިންނަށް މިނިވަންކަމާއި އެކު އެމީހުންގެ ދައުރު އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަކީ ސަރުކާރުގެެ އަމާޒެއް ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އެހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން މިދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ނެރުނު ހާއްސަ މެސެޖެއްގައެވެ.
"ނޫސްވެރިކަން ކުރިއަރުވާ، ތަރައްގީކޮށް، ގައުމީ ތަރައްގީ އާއި ދައުލަތް ހިންގުުމުގެ ނިޒާމުގެ ތެރޭގައި ނޫސްވެރިންނަށް މިނިވަންކަމާއެކު އެމީހުންގެ ދައުރު އަދާކުރެވޭނެ މާހައުލެއް ގާއިމުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް" އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާއި މެދު ރައްޔިތުންގެ ވިންދާއި، ރޫހު ފެންނާނެ ގޮތަށް ރީތިކޮށް ލިޔެ، އަޑު އިއްވައި ދިނުމަކީ ސަރުކާރުން އެދޭ ގޮތް ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ވިންދާއި ރޫހު ހުންނަގޮތް ރީތިކޮށް ފެންނާނެހެން ލިޔެ، އިއްވައި، ދެއްކުމަކީ ސަރުކާރު އެދޭ ގޮތް" މިނިސްޓަރ ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ، ދައުލަތުގެ ތެރޭގައި ހިނގާ ކަންކަމަށް ފާރަވެރިވެ އެކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ ނޫސްވެރިން ކުރަން ޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.