މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީ ޑޭ" ނުވަތަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް "އދ" އިން މީގެ އަހަރުތަކެއް ކުރިން ނިންމާފައިވާއިރު ދުނިޔޭގެ ނޫސްވެރިކަމުގެ ސަފުހާތައް ހަޤީޤަތުގައި ވަނީ ވަރަށް އަނދިރިކޮށެވެ.

ތެދު ބުނުން ދުނިޔޭގެ ބައެއް ގައުމުތަކުގައިވަނީ ކުށަކަށް ވެފައެވެ. ތެދު މައުލޫމާތު ހާމަކުރާ ފަރާތްތަކުގެ ލަފުގައި ހިފައި ޖަލުގެ ކުޑަގޮޅިއަށް ލައެވެ. ތެދު ބުނަން ހިތުލިޔަސް ޗާބޫކުގެ ހުރި އަސަރު ދައްކާލައެވެ. ނުވަތަ އުމުރަށް އެމީހެއްގެ ވަސް ފިލުވާލައެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ ދިގު ތާރީހަށް ބަލާލިކަމުގައިވިޔަސް ފެންނާން އޮތް ހަޤީޤަތަކީ އެއީއެވެ. ކޮންމެވެސް ގޮތަކުން ނޫސްވެރިކަމަށް ނުފޫޒާއި ބާރު ފޯރުވާ ކަމެކެވެ. ނޫސްވެރިންގެ ދޫތަކުގައި ކަސްތަޅު އެޅޭކަމެވެ. ނޫސްވެރިން ބައެއްގެ ގޮށްމުށުގައި ގެންގުޅޭ މަންޒަރެވެ. ނޫސްވެރިންނަކީ ޕްރޮޕެގެންޑާ ހަތިޔާރެއްގެ ގޮތުގައި ގެންގުޅެމުންދާ މަންޒަރެވެ. ހަޤީޤަތަށް ބުނާނަމަ މިނިވަން ނޫސްވެރިކަަން ކުރެވޭނެ އަމާން ވެއްޓެއް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނެތެވެ.

އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާލަމާތޯއެވެ؟ މި ރާއްޖެއަކީ މީޑިޔާތައް ގިނަ ގައުމެކެވެ. ނިސްބަތުން ނޫސްވެރިން ގިނަ ޤައުމެކެވެ. ރާއްޖެއަކީ ކުޑަ އާބާދީއެއް އޮންނަ ގައުމެއް ކަމުން މިގައުމުގައި ހިނގާ ކޮންމެ ކަމެއް ނޫސްވެރިން ދަނީ އެމީހުންގެ ގަލަންތަކުން ހާމަކުރަމުންނެވެ. ތަނެއްގައި ރޯވިޔަސް، މީހެއް މަރުވިޔަސް އެންމެ އަވަހަށް އެނގޭނެ އެއްބަޔަކީ ނޫސްވެރިންނެވެ. 

ނޫސްވެރިކަމުގެ މަސްއޫލިއްތަކީ ބޮޑު މަސްއޫލިއްތަކެވެ. ނޫސްވެރިކަމަކީ ޤައުމަށް ނުހަނު ބޭނުން ކަމެކެވެ. އެހެނީ ނޫސްވެރިންނަކީ "ތެދު މައުލޫމާތު" ރައްޔިތުންނަށް ފޯރުކޮށްދޭ ކަނދުފަށްޗަށް ވުމުންނެވެ. ޤައުމުގެ އަމާންކަމާއި ސުލްހަ މަސަހަލަސްކަމަކީ ނޫސްވެރިން އެމީހުންގެ ގަލަން ތަކުން ލިޔެ ޝާއިޢު ކުރާ ހަބަރުތަކާއި ގުޅި ލާމެހިފައިވާ ކަމަކަށް ވުމުންނެވެ. ނޫސްތަކުން ހާމަ ކުރާ މައުލޫމާތު ތަކަކީ ގިނަ ބަޔަކަށް އެނގިގެންދާނެ މައުލޫމާތު ތަކަކަށް ވުމުންނެވެ. 

ނޫސްވެރިކަމަކީ ހަޤީޤަތުގައި ވަރަށް ބާރުގަދަ ހަތިޔާރެކެވެ. ނަމަވެސް އެހަތިޔާރުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެނގިއްޖެ ނަމައެވެ. ނޫސްވެރިންނަށް ސަރުކާރު ޒިންމާދާރު ކުރެވިދާނެއެވެ. ފާޓު ފުޅާ ސިޔާސީ ބޭފުޅުންގެ އަނގަ ބަންދުކޮށްލެވިދާނެއެވެ. ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް އަޑުހަރުކޮށް ބަސްބުނެވިދާނެއެވެ. ފުލުހުންގެ ތަހުޤީޤުތަކަށް އެއްބާރުލުންވެސް ދެވިދާނެއެވެ. މިހެންގޮސް އެތައް ކަމެއް ކުރުމުގެ ބާރު ނޫސްވެރިންނަށް އޮވެއެވެ.

ނަމަވެސް ނޫސްވެރިކަމުގެ އަނދިރި ފަރާތުގައި ހިނގަމުން އެދާ ހައިޖާނަށްވެސް ވިސްނާލަން އެބަޖެއެވެ. ނޫސްވެރިކަމުގެ ނަމުގައި ފިތުނަ އުފައްދަން މަސައްކަތް ކުރާބައެއް ނޫސްތައް ދުނިޔޭގެ އިތުރުން  މިގައުމުގައިވެސް އެބައުޅެއެވެ. ތެދު މައުލޫމާތު އެނގި ހުރެ އެ މައުލޫމާތު ދޮގަށް ބަދަލު ކުރާ ހުށިޔާރު ނޫސްވެރިން މިގައުމުގައިވެސް އުޅެއެވެ. ނޫސްވެރިކަމުގެ ޒިންމާއާއި މަސްއޫލިއްޔަތުގެ ނާޖާއިޒު ފައިދާ ނަގާ ފަރާތްތަށްވެސް އެބައުޅެއެވެ. މިހިރަ މިހިރަ ކަންކަމީ ހިތާމަ ހުރި ކަންކަމެވެ.

ހަމައެހެންމެ ޕްރޮޕެގެންޑާ ފެތުރުމާއި، ނަފުރަތު ފެތުރުމަށް ކެނޑިނޭޅި މަސައްކަތްކުރާ މީޑިޔާތައްވެސް ނިސްބަތުން ގިނައެވެ. އަދި މަހުޖަނުންނާއި، ވިޔަފާރިވެރިންގެ ފިއްތުން ތަކާއި ހެދި އަނގަމަތީ ޓޭޕް އަޅައި، ލިޔެފައި ހުރި ލިޔުންތަކުގައި ޓިޕެކްސް ޖަހަން މަޖުބޫރުވެފައި ތިބި މީޑިޔާތަކާއި ނޫސްވެރިން ވަރަށް ގިނައެވެ.

ނޫސްވެރިކަމަކީ ބައެއް ފަހަރު ފުރާނަ އަތްމައްޗަށް ލައިގެން އުޅުން ފަދަ ކަމެކެވެ. ލިޔެ ޝާއިއު ކުރާ ހަބަރެއްގެ ސަބަބުން ނުވަތަ ހާމަކުރާ މައުލޫމާތެއްގެ ސަބަބުން އާރުލާ މީހަކު ބަދުނާމުވެދާނެތީ، މަރާލެވިފައި ނުވަތަ ގެއްލުވާލެވިފައިވަނީ ކިތައް ނޫސްވެރިންތޯއެވެ؟ އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާލިކަމުގައި ވިޔަސް މިކަން މިއޮތީ ހާމައަށް ފެންނާށެވެ. ޔާމީން ރަޝީދު ވަނީ އަނިޔާވެރި ގޮތެއްގައި މަރާލެވިފައެވެ. އަދިވެސް އިންސާފެއް ނުލިބެއެވެ. ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަނީ ގެއްލުވާލައިފައެވެ. ރިޟްވާނަށް ވީގޮތެއް އަދިއަދަށް ދަންދެންވެސް އެނގިފައެއް ނުވެއެވެ. މީގެ އިތުރުން އެތައް ނޫސްވެރިންނަކަށް ވަނީ މަރުގެ އިންޒާރުތައް ދީ ބިރު ދައްކާފައެވެ. އެތައް ނޫސްވެރިންނަކަށް ވަނީ އަނިޔާކޮށް ހަމަލާތައް ދީފައެވެ. މިއީ މި ކުޑަކުޑަ ޖަޒީރާ ގައުމުގެވެސް ހާލަތެވެ. 

މިނިވަން ނޫސްވެރިކަމަށް އަދު އަޅުގަނޑުމެން އެންމެ ވަކާލާތު ކުރަމުން އަންނަ އިރު ހަޤީޤަތުގައި މިނިވަންކަމާއި އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ނެތެވެ. އެވަރު އަމާންކަމެއް މިރާއްޖެ ކީއްކުރަންތޯއެވެ؟ މުޅި ދުނިޔޭގައިވެސް ނެތެވެ. އެކަން އެންމެ ފަހުން ހާމަވެގެން ދިޔައީ ސައުދީގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރާއިއެކުގައެވެ. ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަރެއްގެ ތެރޭގައި ހަޝޯޤީގެ ވަސްވެސް ފިލުވާލީއެވެ.

މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަޅުގަނޑުމެންގެ މިރާއްޖޭގައިވެސް ފާހަގަކުރަމުން އަންނައިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިނިވަން ނޫސްވެރިކަން ކުރެވޭނެ އާމާން ވެއްޓެއް އެބައޮތްތޯއެވެ؟ ބުނެލަން އޮތީ ނޫސްވެރިކަމަކީ ކުށެއް ނޫން ކަމެކެވެ. އަދި އެއީ ގޯހެއްވެސް ނޫންކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *