އީމާންވެ ހުރެ ﷲގެ ވަޖުހުފުޅު އަދައިގެން ރޯދަ ހިފާ މީހާގެ ފާފަތައް ފުއްސަވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ރަމަޟާން މަހަށް އިސްތިޤުބާލު ކުރުން" މި މައުލޫއަށް މިއަދުގެ ހުތުބާގައި ވާހަކަދައްކާފައިވާއިރު, ހުތުބާގައިވަނީ ރަމަޟާން މަހު ރޯދަ ހިފުމަކީ އެކަމުގެ ދަރުމައާއި ސަވާބު ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އީމާންވެހުރެ ﷲގެ ވަޖުހުފުޅު އަދައިގެން ރޯދަހިފައިފި މީހާގެ އިސްވެދިޔަ ފާފަ ފުއްސަވާދެއްވައެވެ!"

އަދި ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ކިބައިގައި ތަޤުވާގެ މާތް ސިފަ އަށަގެންނެވުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ"

ހުތުބާއި ވަނީ ރަމަޟާން މަހަކީ ތައުބާގެ މައްސަރުކަމަށް ބުނެ އެ މައްސަރުގައި ގިނަގިނައިން ތައުބާވުމަށް ވަސިއްޔަތް ކޮށްފައެވެ.

ތައުބާގެ ލަފުޒީ މާނައަކީ އެނބުރި އައުމެވެ. އިމާމް ނަވަވީ ރަހިމަހުﷲ ވިދާޅުވެފައިވާ ޝަރީޢަތުގައި ތައުބާވުމުގެ މާނައަކީ ތިން ކަމެއް ކުރުމެވެ. އެއީ ކުރެވުނު ކުށެއް ނުވަތަ ފާފައެއް ދޫކޮށްލުމާއި، އެކުށަކާއި މެދު ދެރަވެ ހިތާމަ ކުރުމާއި އެކު ދުވަހަކުވެސް އެފަދަ ފާފައެއް ނުކުރުމަށް ﷲ ގެ ހަޟުރަތުގައި އަޒުމު ކަނޑައެޅުމެވެ. މިތިން ޝަތުރު ފުރިހަމަ ވުމުން އަޅާ އާއި ﷲ އާ ދެމެދުގައި ވާނަމަ ވާހައި ފާފައެއް ﷲ ފުއްސަވާނެއެވެ. ނަމަވެސް މީހެއްގެ ހައްޤަކަށް އަރައިގަންފައިވާނަމަ އެމީހެއްގެ ކިބައިން މަޢާފަށް އެދެން ޖެހޭނެއެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ﷲއެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ސިފަ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އިބްނު މަސްއޫދު ރަސިޔަﷲ އަންޙް ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުން ތިމަން ސުވާލު ދެންނެވީމެވެ. ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟ އެހިނދު ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ"

ނަމާދު އަޅާފައި ކުރާ އެއްވެސް އަޅުކަމެއް ﷲ ގަބޫލެއް ނުކުރައްވާނެއެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާގައިވެއެވެ.

"އަސްރު ނަމާދު އަޅައިފިމީހާގެ އަމަލުތައް ބާތިލްވެއްޖެކަން ކަށަވަރެވެ." މި ނަބަވީ އިރުޝާދުން ހާމަވާ ގޮތުގައި ނަމާދު އަޅާފައި ކުރާ އެއްވެސް ހެޔޮކަމެއް ގަބޫލު ނުކުރައްވާނެއެވެ.

މާތްﷲ ވަނީ ރަމަޟާން މަސް އެހެން މަސްމަހަށް ވުރެއް މާތް ކުރައްވާފައެވެ. ރަމަޟާން މަސް މާތް ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި މިމައްސަރުހައި ރޯދަހިފުން ފަރުޟުކުރެއްވުމާއި، ކީރިތި ޤުރުޢާން ބާއްވައިލެއްވުމާއި، އެއްހާސް މައްސަރައްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދުރިވިލޭރޭ ކައްވާފައިވުން ހިމެނެއެވެ.

ރަސޫލާ صلى الله عليه وسلم  ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ރޯދަމަހުގެ ފުރަތަމަ ރޭ އައުމުން ﷲއަށް ނުކިޔަމަންތެރި ޖިންނި ޝައިޠާނުން ކަސްތަޅު އަޅުއްވައެވެ. އަދު ނަރަކައިގެ އެއްވެސް ދޮރެއް ދޫނުކުރައްވައި ހުރިހާ ދޮރެއް ބަންދުކުރައްވައެވެ. ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތައް ހުޅުއްވައެވެ. އަދި ގޮވާ މީހަކު ގޮވާލައެވެ." އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އަންނާށެވެ! އޭ ނުބައިކަމަށް އެދޭ މީހާއެވެ.! ހުއްޓާލާށެވެ. އަދި ﷲ ޠަޢާލާ ކޮންމެ ރެއަކު ނަރަކައިން ބަޔަކު މުއްތިކުރައްވައެވެ"

ހުތުބާ ނިންމާލަމުން ވަނީ ރަމަޟާން މަހަކީ ދުއާގެ މައްސަރެއް ކަމަށް ބުނެފައެވެ. އަދި ދުޢާ އަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް ބުނެފައެވެ. މީގެ އިތުރުން ހުތުބާގައި ވަނީ ރަމަޟާން މަހު ޤުރުއާން ކިޔެވުމާއި ލައިލަތުލް ގަދުރި ވިލޭރޭ ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ތަރާވީޙް ނަމާދު ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ވަސިއްޔަތް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *