ޔޫއޭއީގެ ޝާހީ އާއިލާގެ މެންބަރެއްކަމަށްވާ، ޝެއިޚް މުޙައްމަދު ބިން ފައިސަލް އަލް ޤައްސީމީގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް 16200 މުސްހަފް ހަދިޔާކޮށްފިއެވެ.
މި މުސްހަފްތައް ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހު މެންދުރުގެ ވަގުތެއްގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މުސްހަފްތަކާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރ، ޑރ.އަޙްމަދު ޒާހިރު އަލީއެވެ. މި މުސްހަފްތައް ހަވާލު ކުރުމުގައި ޝެހިޚް މުޙައްމަދު ބިން ފައިސަލް އަލް ޤައްސީމީގެ ފަރާތުން ހަރަކާތްތެރިވީ ރާއްޖޭގެ ރައްޔިތެއް ކަމަށްވާ، އަޙްމަދު މުޙައްމަދެވެ.
އަޙްމަދު މުޙައްމަދު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ބުނީ، ކުރިއަށް އޮތް ތާގައިވެސް ޝެއިޚް މުޙައްމަދު ބިން ފައިސަލް އަލް ޤައްސީމީ ގެ ފަރާތުން ރާއްޖެއަށް އެހީތައް ލިބޭނެ ކަމަށެވެ. އަޙްމަދު އިތުރަށް ބުނީ ޝެއިޚް މުޙައްމަދަކީ ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކުރައްވަން ބޭނުންފުޅުވެ ލައްވާ ބޭފުޅެއްކަމަށާއި ރާއްޖޭގެ ފަރާތުން އެކަންތައްތައް ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވުމަށް އިސްނަގައިގެން ހުރި ފަރާތަކީ އަޙްމަދު މުޙައްމަދުކަމަށެވެ.
ކުރިއަށް އޮތްތާނގައި އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީވެލައްވާނެ ކަމަށާއި މިސްކިތްތައް ހެދުމުގައިވެސް އެހީވެލެއްވުމަކީ ގާތްކަމެއްކަމަށް އަޙްމަދު މައުލޫމާތު ދިނެވެ.
ރާއްޖެއަށް މުސްހަފްތައް ގެނައުމުގެ ކަންކަމުގައި އިސްލާމިކް މިނިސްޓްރީއަށްވެސް އަޙްމަދު ވަނީ އެހީތައްވެފައެވެ.