މާލޭގެ އިމާރާތެއްގެ ފަސްވަނަ ބުރިން ބިދޭސީއަކު ވެއްޓި ޒަހަމް ވެއްޖެއެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 17:00 ހާއިރު މުތީގޯޅީގައި އިމާރާތް ކުރަމުން ދިޔަ ގެއަކުން ބިދޭސީއަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން އެނގުނީ، އެ ބީދޭސީ މީހާ ވެއްޓިފައިވަނީ، އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން ހަތަރުވަނަ ފަންގިފިލާއަށް ކަމަށެވެ.
އެމީހާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުންގެ ފަރާތުން ދަނީ މިހާރު އެ ހާދިސާ އިތުރަށް ތަހުގީގް ކުރަމުންނެވެ.