ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާ އަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް އިސް ދައުރެއް އަދާކުރާނެ މީހެއްކަން ޔަގީނެވެ. މިގޮތުން ބައިވެރިޔާ ވާން ޖެހޭނީ މީހާގެ ހަޔާތުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކުގައި ތިބާއާއި އެއްކޮށް އުނދަގޫތަކާއި ކުރިމަތިލުމަށް އެހީވެދޭ މޭސްތިރިއަކަށެވެ. ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާ ގެ ސަބަބުން ތިބާއަށް ލިބިގެންދާ ހަމައެކަނި އެއްޗަކީ ދެރައާއި ހިތާމަކަމަށް ވާނަމަ ލޯބީގެ ގޮތުން ގުޅިގެން ތިޔަ އުޅެވެނީ އެންމެ ރަނގަޅު މީހަކާއެއްނޫނެވެ.  އެއީ އެންމެ ރަނގަޅު ބައިވެރިޔާ ވާނީ ތިބާގެ ހުރިހާ ކަންކަމަކާއި އެއްބާރުލުން ދޭ މީހަކަށެވެ. ތިބާގެ ބޮލުގެ އިތުރު ރިހުމަކަށް ބައިވެރިއާ ވާ ނަމަ އޭނާ އަކީ ތިބާގެ ހަޔާތުގެ "ހަގީގީ ބައިވެރިޔާ" ކަމަށް ނުވާނެއެވެ.

މި ކަންކަން ފެންނަނީ ވަކި ޖިންސެއްގެ މީހުންގެ ފަރާތުންނެއް ނޫނެވެ. މި ގޮތުން ލޯބިވެރިޔާ އާއި ހެދި ކުރަން ހުންނަ މަސައްކަތްތަކާއި އަދާ ކުރާ ވަޒީފާގެ މަސްއޫލިއްޔަތުތައްވެސް އަދާ ކުރުމުގައި ދަތިތައް ކުރިމަތިވެއެވެ. ތިމާ ކުރާ ރަނގަޅު ހުރިހާ ކަމެއްގައި އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހެއްގެ ފަރާތުން އޭގެއާ ދިމާ އިދިކޮޅަށް އަމަލުތައް ބަހައްޓާތަން ފެންނަން ފެށުމުން ކަންތައް ކުރާނީ ވަކި ކިހެނެއްހެއްޔެވެ؟

ރަނގަޅު ބައިވެރިޔަކު ހަޔާތަށް ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންދާ ވަަރަށް ބޮޑު ނަސީބެކެވެ. ހަމައެފަދައިން ތިމާއަށް ގޯސް ބައިވެރިއަކު ލިބުމަކީ މުޅި ހަޔާތަށް ކުރިމަތިވާ އަނދިރިކަމެކެވެ. އެހެން ކަމުން ބައިވެރިއަކު އިޚްތިޔާރުކުރުމުގައިވެސް ކަންތައްތަކަކަށް ބަލަން އެބަ ޖެހެއެވެ.

ރަނގަޅު ބައިވެރިޔަކު އިޚްތިޔާރުކުރުމުގައި ބަލަންވީ ކަންކަން

އިހްތިރާމް ކުރުން

ކޮންމެ މީހަކީވެސް އެހެން މީހުންގެ ބަލައިގަތުން ބޭނުންވާނެ މީހެކެވެ. އެފަދައިން ބަލައިގަތުމުގެ އިހުސާސް މީހަކަށް ކުރެވޭނީ އެކަންތައްތައް އަމަލު ދެއްކުމުންނެވެ. ބަލައިގަންނަކަން އަމަލުން ދެއްކޭނެ ގޮތަކީ، އިހުތިރާމް ކުރުމެވެ. އިހްތިރާމް ކުރެވޭނީ ހަމައެކަނި މީހަކު ހަމަ ނިންމާހައި ގޮތަކަށް އަބަދު އެއްބަސް ވެގެންނޫނެވެ. ބައިވެރިއާއި ކަންކަމުގައި ދެކޮޅުވުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ދެބަސްވުންތައް އުފެދުމުންވެސް  ރީތި ގޮތުގައި ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރަން އުޅުމަކީ މުހިންމު ކަމެކެވެ. ތިބާއަށް އިހްތިރާމް ނުކުރާ މީހަކާއެއްކޮށް ތިބާއަށް ނޫޅެވޭނެއެވެ.

އިހްތިރާމް ލިބޭނީ އިހްތިރާމް ކޮށްގެންނެވެ. ތިބާވެސް ތިޔައީ ބައިވެރިޔާގެ ނިންމުންތަކަށް އިހްތިރާމްކުރާ، 'އަންޑަސްޓޭޑް' ވާ މީހަކަށް ވާން ވާނެއެވެ. އެފަދައިން ކަންތައް ކުރާއިރުވެސް ބައިވެރިއާގެ ފަރާތުން އިހްތިރާމް ނުލިބޭ ނަމަ އެއީ ބޮޑު މައްސަލައެކެވެ.

ތެދުވެރިކަމާއި ވަފާތެރިކަން

ތެދުވެރިކަމަކީ ކޮންމެ މީހަކުގެ ކިބައިގައިވެސް ހުރުން ލާޒިމު ސިފައެކެވެ. ދީނީގޮތުން ބެލިއަސް، އިޖުތިމާއީ ގޮތުން ބެލިއަސްވެސްމެއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިއާ އަކީ ތިބާއަށް ދޮގު ހަދާ މީހަކު ނަމަ އެ މީހަކު ތިބާއަށް ބޭވަފާތެރިވުމުގެ ފުރުސަތުވެސް ބޮޑެވެ. އެހެން ކަމުން ބައިވެރިޔަކު އިޚްތިޔާރުކުރާއިރު ތެދުބަހުން ވާހަކަ ދައްކާ މީހަކު އިޚްތިޔާރުކުރުމަކީ މަންފާހުރި ކަމެކެވެ.

ވަފާތެރި ބައިވެރިޔަކު ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ނިޢުމަތެކެވެ. އެފަދަ ނިޢުމަތެއް ލިބިއްޖެނަމަ އެ ގެއްލުނަ ނުދިނުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެކެވެ.

ތެދުވެރިކަމަކީ ހަމައެކަނި ތެދުބަހުން ވާހަކަދެއްކުން ނޫންކަންވެސް ދަންނަން އެބަ ޖެހެއެވެ. ތެދުވެރިކަމަކީ އޮޅުވާލުމާއި ކަންކަން ސިއްރުކުރުމުން ވެސް ދުރުހެލިވުމެވެ. ބައިވެރިއާ ވާން ޖެހޭނީ ތިބާގެ ކަންކަން ހިއްސާކުރާ ރަހުމަތްތެރިއަކަށްވެސް މެއެވެ.

އިތުބާރުކުރުން

އިތުބާރަކީ ކޮންމެ ގުޅުމެއްގެ ވެސް މައިގަނޑު ބިންގަލެވެ. އިތުބާރުގެ މައްޗަށް ބިނާކުރެވޭ ގުޅުމެއް ކާމިޔާބުވުމުގެ ފުރުސަތުވެސް މާ ބޮޑެވެ. އެހެންކަމުން ތިމާގެ ބައިވެރިޔާގެ ފަރާތުން ޝައްކު ކުރެވޭ ފަދަ ކަމެއް ފެނުމުންވެސް އޭގެއާ މެދު ވިސްނެން އޮތް އެންމެ ގޯސްކޮށް ނުވިސްނައި، ކަމުގެ ހަގީގަތް ސާފުކޮށްފައި ވާހަކަ ދެއްކުން މުހިންމެވެ. މިހެން ވިނަމަވެސް އަބަދު ކުދިކުދި ކަންތައްތަކާއި ޝައްކުކޮށް، ސުވާލުތައް އުފެއްދުމަކީ ކައިވެންޏެއް ނުވަތަ ލޯބީގެ ގުޅުމެއް ނިމިގެންދާ ކަމެއްގެ އަސްލަށް ވާނެއެވެ.

ތިބާވެސް ބައިވެރިޔާ އަށް އިތުބާރު ކުރުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ ޚުދު ތިބާވެސް ބައިވެރިއާ އަށް ޝައްކުކުރެވޭ ފަދަ ފުރުސަތުތައް ނުދިނުން މުހިންމެވެ. ހަމައެހެންމެ ޝައްކެއް އުފެދިއްޖެ ނަމަ ރީތި ގޮތުގައި ވާހަކަ ދައްކައިގެން އެކަންތައް ހައްލުކުރަން މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ކޮންމެ ފަހަރަކު ކަމެއް ވުމުން ހަޅޭ ލަވައި ހަޑިހުތުރު ބަހުން ވާހަކަ ދައްކައިގެން އެއްވެސް މައްސަލައެއް ހައްލެއް ނުވާނެއެވެ. އަދި ކިއެއްތަ؟ އެފަދައިން ކަންތައް ކުރާނަމަ މައްސަލަ ވާނީ އިތުރަށް ގޯހެވެ.

އަޅާއިލުމާއި ލޯބި

ކޮންމެ މީހަކީވެސް އެކަނި އުޅެން ބޭނުންވާނެ މީހެއްނޫނެވެ. ކޮންމެ މީހަކީވެސް ހަޔާތުގައި ބައިވެރިޔަކު ބޭނުންވާނެ މީހެކެވެ. މީހެއްގެ ހަޔާތުގައި ބައިވެރިޔަކު ބޭނުންވަނީ އެމީހެއްގެ ފަރާތުން ލޯތްބާއި އަޅާލުން ލިބިގަތުމަށްޓަކައެވެ. ތިބާ ބަލިވުމުންވެސް، ދެރަވެ މާޔޫސް ވުމުން ވިޔަސް އެހެން އުދަނގުލެއް ދިމާވުމުންވެސް ތިބާއަށް އެއްބާރުލުން ދީ އަޅާލާނެ މީހަކު ހަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި އިޚްތިޔާރުކުރާށެވެ.

މި ގޮތުން ތިބާގެ ވާހަކަތަކާއި ޚިޔާލުތަކަށް ސަމާލުކަން ދީ، ތިބާއަކީ މުހިންމު މީހެއްކަމަށް ދައްކައިގެން އުޅޭ ބައިވެރިއަކު އިޚްތިޔާރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ. މި ކަމަށް ބަލަންވީ ހަމައެކަނި ބުނާ ބަސްތަކުގައި ތިބާއަށް އަޅާލާ މީހެއް ނޫނެވެ. ބުނާ ބަސްތަކާއި ޢަމަލާއި ދިމާވާ މީހެކެވެ. އެހެން މީހުންގެ ކުރިމަތީގައި ތިބާގެ ގަދަރު ހިފަހައްޓާ ތިބާގެ ބައިވެރިޔަކަށް ވެވުނީތީ އެކަމާއިމެދު ފަޚުރުވެރިވާ މީހެކެވެ.

ތިބާގެ ދިރިއުޅުމުގައި ލިބޭ ކާމިޔާބީ ތަކުގައި އެންމެ ބާރަށް ތަރުހީބު ދޭ ފަރާތަކީވެސް ތިބާގެ ދިރިއުޅުމުގެ އެންމެ އަނދިރި ވަގުތުތަކުުގައި ތިބާއަށް އެންމެ އެއްބާރުލުން ދޭ މީހަކީވެސް ތިބާގެ ހަޔާތުގެ ބައިވެރިޔާއަށް ވާން ޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *