ޑިންގީއެއްގެ ބުރަފަތީގައި ޖެހި ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާއި، އޭނާ މަރުވެފައިވަނީ އއ. ހަލަވެލި ރިސޯޓުގެ ފަޅުތެރޭގައި އަޅާފައި އޮތް ޑައިވިންގ ދޯންޏެއްގެ ކެޕްޓަން ބަލާ، ޑައިވިންގ ދޯނީގެ ޑިންގީ ގައި ނައްޓާލި ވަގުތު މޫދަށް ވެއްޓި ޑިންގީގެ ބުރަފަތީގައި ބޯޖެހިގެން ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށެވެ.
މަރުވި ބަންގްލަދޭޝް މީހާއަކީ އެ ޑައިވިންގް ދޯނީގައި ކުރޫއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި 41 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު މިއަދު 11:12 ހާއިރު ފުލުހުންނަށް ލިބުމާއި އެކު ފުލުހުންގެ ޓީމެއް އެތަނަށް ގޮސް އެމީހާ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ ވެއްޓޭތަން ފެނުން މީހުން އެ ސަރަހައްދަށް ދިޔަ އިރު އޭނާގެ ގަމީސް ވަނީ ޑިންގީގެ ބުރަފަތީގައި އޮޅިފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.