ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނާއި ދޭތެރޭ ފިޔަވަޅު އެޅުމަށްޓަކައި އެމަސައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހުންގެ އިންތިހާބާއި ގުޅިގެން ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނޭޅުނު ކެނޑިޑޭޓުންނާއި އެކެނޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާއި މެދު ގާނޫނުގައި ބަޔާން ކުރާ ފިޔަވަޅު އެޅުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިމްތިހާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔަން ހުށައަޅަންޖެހޭ މުއްދަތު ހަމަވިއިރުވެސް، މާލީ ބަޔާން ހުށަނާޅާ ތިބީ 36 ކެނޑިޑޭޓުން ކަމަށާއި އެއީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި 31 ކެނޑިޑޭޓުންނާއި، ޕީޕީއެމްގެ ދެ ކެނޑިޑޭޓުންނާއި، ޕީއެންސީގެ އެއް ކެނޑިޑޭޓަކާއި، އަދާލަތު ޕާޓީގެ އެއް ކެނޑިޑޭޓަކާއި، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ދެ ކެނޑިޑޭޓުންނާއި އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ދެ ކެނޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބުނެފައިވާ ގޮތުގައި، މާލީ ބަޔާން ހުށަހެޅި ފަރާތްތަކުގެ ތެރެއިން 11 ފަރާތެއްގެ ބަޔާން އިތުރަށް ފުރިހަމަ ކުރުމަށް އެކެނޑިޑޭޓުންނަށް ފޮނުވުމަށް ނިންމާފައިވެއެވެ. އެގޮތުން އެ 11 ބަޔާން އަނބުރާ ފޮނުވާލުމަށް ނިންމީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެނޑިޑޭޓުންނަށް މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12:00 އަށެވެ. އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.