ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ފުރަތަމަ ބުރުގައި ސްޕެއިންގެ ބާސެލޯނާއާއި އިނގިރޭސިވިލާތުގެ ލިވަޕޫލް ބައްދަލުކުރި މެޗު 3-0ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށް، ފައިނަލަށް އެޓީމުން ކުރަމުން އަންނަ އުންމީދު އާކޮށްފިއެވެ.

ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން، ގިނައިން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީވެސް ބާސެލޯނާއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ބާސެލޯނާގެ ލުއިސް ސުއަރޭޒް ވަނީ ލަނޑެެއް ޖަހައި ބާސާއަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ދެޓީމުންވެސް ނުކުތީ މާކަބޮޑު ބަދަލެއް ގެނެއުމެއް ނެތިއެވެ. ދެވަނަ ހާފުގައިވެސް ގިނައިން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ބާސެލޯނާއިންނެވެ. ބާސެލޯނާއިން އާންމުކޮށް ކުޅޭ ޕާސިންގ ގޭމު ކުޅެ، އެޓީމަށް ލީޑު ފުޅާކޮށްދިނީ، ޓީމުގެ ކެމްޕަން ލިއޮނަލް މެސީއެވެ. އެ ލަނޑު މެސީ ޖެހީ މެޗުގެ 85 ވަނަ މިނެޓުގައެވެ. ބާސެލޯނާގެ ތިންވަނަ ލަނޑު އޭގެ ހަތް މިނެޓު ފަހުން ލިބުނު ފްރީކިކަކުން ކާމިޔާބުކޮށްދިނީވެސް މެސީއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ރެފްރީ ދިން އިތުރުވަގުތުގެ ފަސް މިނެޓަށް ބާސެލޯނާއިން ނުކުތީ ދެ ބަދަލާއި އެކުގައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ސުއަރޭޒްގެ ބަދަލުގައި ޒުވާން ޑެންބޭލޭ އެރުވުމެވެ. މެޗުގެ އިތުރުވަގުތުގައި ޑެންބޭލޭއަށް ވަނީ ގޯލު ޖަހާނެ މުޅިން ހުސް ދެ ފުރުސަތެއް ލިބި ނާކާމިޔާބުވެފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާސެލޯނާއަށް ދެ ގޯލު ކާމިޔާބުކޮށްދިން ކެޕްޓަން ލިއޮނަލް މެސީއެވެ.

ބާސެލޯނާގެ ދަނޑުގައި ލިވަޕޫލަށް ލިބުނު ބޮޑު ނާކާމިޔާބީއާއި އެކު އެޓީމަށް މިވަނީ ފައިނަލުގެ އުންމީދު ހަނިވެފައެވެ. އެ ޓީމުން ދެން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރަން ބޭނުން ނަމަ ޖެހޭނީ އަންނަ އަންގާރަ ދުވަހު އެ ޓީމުގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި 4-0 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކުރާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *