ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ޗިލްޑްރެންސް ޑޭ ނުވަތަ ކުޑަކުދިންގެ ދުވަހަކީ މޭ މަހުގެ 10 ވަނަ ދުވަހެވެ. އެ ދުވަސް ރާއްޖޭގެ ސްކޫލުތަކުގައިވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއެވެ. ބައެއް ސްކޫލުތަކުގައި މިހާރުވެސް އެ ދުވަސް ދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ކޮޅުމަޑުލު ކަނޑޫދޫ ސްކޫލުގައި މިއަދު ވަނީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ވަރަށް ތަފާތު ގޮތަކަށެވެ.
މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހެއް ކަމަކު ކަނޑޫދޫ ސްކޫލުން މިވަނީ އެ ސްކޫލުގެ ދަރިވަރުން ހެއްވާލައި، ހިތްހަމަޖައްސައިދިނުމަށް ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން ސްކޫލުގެ ކިޔެވުންވެސް ނޯންނާނެއެވެ. ނަމަވެސް އަރާމު ތަންމަތީގައި ނިދަން ތިބުމުގެ ބަދަލުގައި ޓީޗަރުންނާއި، ބެލެނިވެރިންގެ އިތުރުން ސްކޫލުގެ މުވައްޒަފުން ނިންމީ ދަރިވަރުންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދިނުމަށެވެ. އެގޮތުން ހެނދުނު ހެނދުނާ ތެދުވެ ދިވެހި ވަންތަ ހެދުމުން ޖަރީވެގެން ކަނޑޫދޫ ސްކޫލުގެ ޓީޗަރުން ވަނީ އެ ސްކޫލުގެ ދަރިވަރުން ސްކޫލަށް ގެނެސް، ހޫނު މެހެމާންދާރީއެއް އަދާކޮށްފައެވެ. ސަޤާފީވަންތަ ދިގު ދަޑީގެ ފޯރިގަދަ ހަރަކާތަކާއި އެކުގައެވެ.
ދަރިވަރުން ސްކޫލުގެ މައި ދޮރާށުން ވަދެގެން އައިއިރު ފެނިގެން ދިޔައީ އެކުދިންނަށްޓަކައި ޒީނަތްތެރިކުރެވިފައިވާ މައި ގޭޓާއި، ތައްޔާރުކުރެވިފައިވާ ހޯލެވެ. އޭގެ އިތުރުން އެކުދިންނަށްޓައި ފައްކާކުރެވިފައިވާ ބިޔަ ބޮޑު ވޯޓަރ ޕާކެކެވެ. އެ ޕާކަށް ބަލާލުމުންވެސް އެއީ ބައެއްގެ މިންނެތް މަސައްކަތްކަން ހާމަވެގެންދެއެވެ. އާދެ، އެއީ ކަނޑޫދޫ ސްކޫލުގެ ޓީޗަރުންނާއި، މުވައްޒަފުން ހަފްތާއެއް ވަންދެން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ދަރިވަރުންނަށްޓަކައި ހެނދުނު 9:30 އިން ފެށިގެން 11:00 ޖެހުމާއި ހަމައަށް ވޯޓަރ ޕާކް ހުޅުވާލެވިފައިވާއިރު، ދަރިވަރުންވަނީ ވޯޓާރ ޕާކުގައި ތަފާތު ކުޅިވަރުތައް ކުޅެ ފޯރިނަގާފައެވެ. މި ކުޅިވަރުތަކުގައި ބެލެނިވެރިންނާއި މުވައްޒަފުން ވަނީ އަމަލީ ގޮތުން ދަރިވަރުންނާއި އެކުގައި ބައިވެރިވެފައެވެ.
ވޯޓަރ ޕާކުން ހިތްހަމަ ޖައްސާލުމަށްފަހު ދަރިވަރުންނާއި، ބެލެނިވެރިން އަދި ޓީޗަރުން ވަނީ ބޮޑު ޖަމާއަތެއްގައި މެންދުރު ނަމާދުކޮށްފައެވެ. މެންދުރު ނަމާދަށް ފަހު ދަރިވަރުން އެނބުރި ސްކޫލަށް އައުމުން ނޭފަތު ކުރީގައި ފުރަތަމަވެސް ޖެހުނީ އިހުގައި ދިވެހިން ކައި އުޅުނު ބައެއް ކެއުންތަކުގެ މީރު ވަހެކެވެ. ދަރިވަރުން މެންދުރު ނަމާދުން އަންނަންވާއިރަށް، އެކުދިންގެ ޝަރަފުގައި ބެލެނިވެރިން އެވަނީ އެވެރިންގެ ކެއްކުމުގެ ހުނަރު ދައްކާލައި ސުފުރާމަތި ދިވެހި ވަންތަ ކެއުންތަކާއި ޒަމާނީ ކެއުންތަކުން ފުރާލައިފައެވެ.
ބެލެނިވެރިން ދަރިވަރުންނަށް ތައްޔާރުކޮށްދިން މާހެފުމަށް ދަރިވަރުން އައިސްތިބީ ދިވެހިވަންތަ އަދި އިހު ދިވެހިން ލައި އުޅުނު ޖުއްބާފަދަ ތަކެތި ލައިގެންނެވެ. ދިވެހިންގެ ދިވެހިވަންތަކަމާއި މާތްވެގެންވާ އިސްލާމްދީނަށް އެކުދިންގެ ހިތުގައި އޮތް ލޯބި އެކުދިން ލައިގެން ތިބި އަންނައުނުންވެސް ހާމަވެގެން ދިޔައެވެ.
މެންދުރުގެ މާހެފުމަށް ފަހު ކަނޑޫދޫ ސްކޫލުން ދުވަހުގެ ހަރަކާތްތައް ނިންމައެއް ނުލައެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި ކުޑަކުދިން ގަޔާވާނެ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ސްކޫލުގައި ހަމަޖެހިފައި ހުށްޓެވެ. ދާހިއްލާ ފޯވަންދެން އެ ކުދިން ވަނީ ކުޅިވަރުތަކުގައި ހޭލަމޭލައަށް އުޅެ ކުޅިވަރުތަކުގެ ފޯރި އެންމެ ރަނގަޅަށް ނަގައިފައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކަނޑޫދޫ ސްކޫލުން ވި ޤުރުބާނީ ބޮޑެވެ. އެ ޤުރުބާނީގެ ފަހަތުގައި ތިބީ އެ ސްކޫލުގެ އިސްވެރިންނާއި. ހީވާގި ޓީޗަރުންނާއި، މުރާލި ބެލެނިވެރިންގެ އިތުރުން ސްކޫލުގެ އެހެނިހެން މުވައްޒަފުންނެވެ. އެފަރާތްތަކުން މިއަދު މިވަނީ ކަނޑޫދޫ ސްކޫލުގެ ހުރިހާ ދަރިވަރުންގެ މޫނަށް ތަފާތު ގޮތަކަށް އުޖާލާކަން ގެނެސްދީފައެވެ.