އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ދެކެވެމުންދާ އެއްް ވާހަކައެއް އޮވެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ވާހަކައެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލުމަށް ބަޔަކު އުޅޭ ވާހަކައެވެ. ޚާއްސަކޮށް އަވައްޓެރި އިންޑިއާއިން ޚާއްސަ ނަޒަރިއްޔާތަކުން ރާއްޖޭގެ ކަންކަމާއި ބެހި ނުފޫޒު ފޯރުވާ ވާހަކައެވެ. ރާއްޖޭގެ ދާޚިލީ ކަންކަމަށް އިންޑިއާއިން ނުފޫޒު ފޯރުވާ، ހާރިޖީ ސިޔާސަތުތައް އިންޑިއާއިން ރުހޭ ގޮތްގޮތައް ބަދަލުގެންނަ ވާހަކައެވެ.

އިސްވެ ދެންނެވުނު ކޮންމެ މައުޟޫއެއްގައިވެސް އިންޑިއާގެ ޖަވާބަކީ، އަދި ގިނަ ފަހަރަށް ހާރިޖީ ވުޒާރާގެ ޖަވާބަކީވެސް އިންޑިއާއިން ރާއްޖެ މުހިއްމުވެގެން އުޅެނީ ނޫންކަމަށާއި، އިންޑިއާއަށް މުހިންމީ އިންޑިއާ ކަނޑުގެ މަސްލަހަތާއި އަމާންކަން ކަމެވެ.

ރާއްޖެއާއި އިންޑިއާގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމަކީ ތޭވަންނަ އަހަރުވީ އެކުވެރިކަމެކެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ފާޑު ކިޔާ މިންވަރު އިތުރުވެފައިވާއިރު، ދިވެހިންގެ ތެރޭގައިވެސް މިކަމަށް ބޮޑެތި ބަހުސްތައް ކުރެއެވެ. އެއްބަޔަކު ދެކޭގޮތުގައި އިންޑިއާއަށް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑެއް ނުކިޔޭނެއެވެ. އަނެއްބަޔަކު ބުނަނީ ބަވަނަވަމުންދާ މި ދުނިޔޭގައި ރާއްޖެއަށް އިންޑިއާއަކީ މުހިންމު ޤައުމެއްކަމަށެވެ. މީގެ ކޮންމެ ބަހުސެއްވެސް ނިމިގެން ދަނީ ބަޑި ބުރާސްފައްޗާއި ހަމައިންނެވެ. ނުވަތަ ނޮވެންބަރު ތިނެއްގަ އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމުގެ ވާހަކައިންނެވެ.

އެދުވަހު އިންޑިއާއިން ރާއްޖެއަށް އެހީވުމަކީ އިންޑިއާއަށް ތާއަބަދު ދިވެހިންގެ މައްޗަށް ބަސްކިޔަން ޖެހޭނެ ސަބަބެއްވެސް ނޫނެވެ. ދެން އޮތީ އިންޑިއާ ކަންޑުގެ އަމާންކަމާއި ސުލްހަ މަސަލަސްކަމަށް އިންޑިއާއިން އިސްކަން ދޭ ވާހަކައެވެ. އިންޑިއާ ކަނޑުގެ އަމާންކަމަކީ މުޅި މި ދިވެހި ރާއްޖެއަށްވެސް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އަދުގެ ސުވާލަކީ "އިންޑިއާ ކަނޑުގައި އޮންނަނީ ހަމައެކަނި ދިވެހިރާއްޖެތޯ؟" އެވެ.

އަވަށްޓެރި ލަންކާގައި އޭޕްރީލް މަހުގެ 21ވަނަ ދުވަހުގައި ދިން ނިރުބަރެވި ހަމަލާއާއި ގުޅިގެން މުޅި ލަންކާ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދުއިސައްތަ ފަންސާހައްވުރެ ގިނަ ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކަށް އަނިޔާވި މި ސިލްސިލާ ހަމަލާތަކުގެ ސަބަބުން ލަންކާގެ ރައްޔިތުން ހިތްތަކުގައިވަނީ ބިރުވެރިކަން އުފެދިފައެވެ. އެ ހަމަލާތަކުގެ ޒިންމާ އައިއެސް އިން ނަގާފައިވާއިރު އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނަށް ވަނީ ތަކުލީފީ ދިރިއުޅުމެއް އުޅެން ޖެހިފައެވެ. އަދި މުސްލިމުންނަށް ވޭންހުރި ދުވަސްތަކަކަށް މިދުވަސްވަރު ވެފައިވާއިރު، ލަންކާގައި މިހިންގި އުދުވާނީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް އިންޑިއާ އޮތީ ނިދާފައެވެ

ހަމަލާއާއި ގުޅިގެން މުޅި ލަންކާ އެލާޓަށް އައިސް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ތަފާތު އެކިއެކި ސަރަޙައްދުތަކުން ބޮމާއި އަދިވެސް ގޮވާ ޒާތުގެ ތަކެތި ހޯދާފައިވާއިރު، މިކަން ކަމުގެ ޒިންމާ އައިއެސް ޖަމާޢަތުން ނަގާކަމަށްބުނެ އާންމުކޮށް އިއުލާނުކޮށްފައިވާއިރު، އިންޑިއާ ކަނޑުގެ މިނިވަންކަމާއި ސުލްހަމަސަލަސްކަމަށް ވަކާލާތު ކުރާ އިންޑިއާއެއް ނުފެނެއެވެ.

އިންޑިއާ ކަނޑުގައި އޮންނަ ލަންކާއަކީ ކުޑަ ޤައުމެކެވެ. އާބާދީގެ ގޮތުންވެސް ބިމުގެ ގޮތުންވެސް ކުޑަ ޤައުމެކެވެ. އަސްކަރިއްޔާވެސް ކުޑަ ޤައުމެކެވެ. އިންޑިއާ ކަނޑުގައި އިންޑިއާގެ ހިޔަނީގައި އޮންނަ ލަންކާއަށް ޓެރަރިސްޓް ޖަމާޢަތަކުން ތަކުރާރުކޮށް އެތައް ހަމަލާތަކެއް ދިނުމުން ލަންކާއަށް އިންޑިއާ ދިއްކޮށްލީ އެހީތެރިކަމުގެ ކޮން އަތެއް ހެއްޔެވެ؟ ޓޭކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އިންޑިއާއިން އެ ޓެކްނޮލޮޖީގެ އަލީގައި ލަންކާއަށް ފޯރުކޮށްދިނީ ކޮން އެހީއެއް ހެއްޔެވެ؟މި ދައްކަނީ ލަންކާގެ އެތެރޭގެ މަސްލަހަތު ހުރި ވާހަކައެއްނޫނެވެ. ބައިނަލް އަޤުވާމީ ލެވެލްގައި ދުނިޔޭގެ އެތައް މިތަނުގައި މީހުން މަރަމުންދާ އައިއެސްއިން ލަންކާގެ ރައްޔިތުންނަށް އަމާޒުކޮށް ބޮންގޮއްވާ އެތައް ބަޔަކު މަރާލި ވާހަކައެވެ. އިންޑިއާ ކަނޑުގެ މަސްލަހަތާއި، މިނިވަންކަމަށް ބުރޫއެރިއިރުވެސް އިންޑިއާ އޮތީ ވާނުވާ ބަލާށެވެ.

ރާއްޖެއަށް ޗައިނާގެ މަނަވަރެއް އަންނަ އިރަށް އިންޑިއާއިން ދެ މަނަވަރު ނަމަވެސް އެ ސަރަޙައްދަކަށް ފޮނުވާއިރު، މިއަދު ލަންކާގައި މިހިނގާ ކަންކަމުގައި އިންޑިއާ އޮތީ ޗުއްޕު ކިޔައިގެންވެ. އިންޑިއާ އާއި ޖެހިޖެހިގެން އޮންނަ ދެ ގައުމަކަށް އިންޑިއާއިން އުޑާއި ބިމާހާ ތަފާތު ކުރާއިރު އުފެދޭ ސުވާލަކީ އިންޑިއާއަށް ޙަޤީގަތުގައިވެސް މުހިންމީ އިނޑިއާ ކަންޑުގެ މަސްލަހަތުތޯއެވެ؟ ނުވަތަ ދިވެހިރާއްޖެތޯއެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *