އުމުރުން ފަސްއަހަރަށް ވުރެ ދަށުގެ ކުދިންނަށް އެންމެ ރަނގަޅު ގޮތަކީ އެއްވެސް ވަރަކަށް ޓީވީ، ޓެބްލެޓް، އައިޕެޑް ފަަދަ ތަކެތި ނުދިނުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯއިން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ސްކްރީން ޓައިމްގެ ބަދަލުގައި އެ އުމުރުގެ ކުދިންނަށް އެންމެ އެކަށީގެންވަނީ ބޭރުތެރޭގައި ކުރެވޭ ކަންތައްތަކަށް އެކުދިން ހޭނުވުމެވެ. އެގޮތުން ކަސްރަތުކުރުމާއި އެކި ކުޅިވަރުތަކުގައި އެކުދިންގެ ވަގުތުތައް ހޭދަކުރަން ދަސްކޮށްދޭން ޖެހޭ ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އަދި އެ އުމުރުގެ ކުދިންނަށް އެންމެ މުހިންމު އެކައްޗަކީ ގަޑިން ގަޑިއަށް ނިދުންކަމަށާއި، ގަޑިންގަޑިއަށް ނިދިއްޖެ ނަމަ ފަލަވުމުގެ ބަލިތަކުން ސަލާމަތްވުމުގެ އިތުރުން ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ ހުރަސްތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ކުދިން ހެދިބޮޑުވަމުން އަންނަ އުމުރުފުރާއަކީ އެހެން މީހުންގެ ކިބައިން ކަންތައް ދަސްކުރާނެ އުމުރުފުރާއެއްކަމަށްވެސް ސިއްހަތު ޖަމިއްޔާގެ ރިޕޯޓުގައިވެއެވެ.
ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން މި ރިޕޯޓް ނެރެފައިވަނީ ފަސް އަހަރުން ދަށުގެ ކުދިން ހިމަނައިގެން ކުރި ދިރާސާއަކަށް ފަހުގައެވެ. މިހާރު އެ ޖަމިއްޔާއިން ދަނީ 9 އަހަރާއި 10 އަހަރު ކުދިން ހިމަނައިގެން ހާއްސަ ދިރާސާއެއް ކުރަން ތައްޔާރުވަމުންނެވެ.