ދިވެހި އެތައް މަސައްކަތްތެރިންނެއްގެ ހައްގުތައް ވަނީ ނިގުޅައިގަނެވިފައި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުން މިދާ ބައިނަލްއަގްވާމީ މަަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާނީ، މިއަދު މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، އެތައް ސަތޭކަ ދިވެހި މަަސައްކަތްތެރިންނެއްގެ ހައްގުތައް ވަނީ ނިގުޅައިގަނެފައި ކަމަށެވެ. އަދި ބައެއް ދިވެހިންނަށް ވަޒީފާ ހޯދުމުގައި ވަރަށް ބޮޑެތި އުނދަގުތަކާއި ކުރިމަތި ވެފައިވާ ކަމަށާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދައުލަތުގެ ރިކަރެންޓް ހަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތް ކަމަށެވެ.
"ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، ބައިނަލްއަގްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތެރިންގެެ ހައްގުތައް ރައްކާތެރިކުރުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ނުކުރާތީ ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް މިއަދު ކުރިމަތިވެފައިވާ ކަން ހިތާމައާއެކު ފާހަގަކުރަމެވެ." ޕީޕީއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ 5 އަހަރަކީ ދިވެހި މަަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ގިނަ ގުނަ މަަސައްކަތްތަކެއް ކުރެވުނު ފަސް އަހަރު ކަމަށާއި އަދި، ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުސަތު ތަކެއް ހުޅުވާލި ކަމަށެވެ. ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި، ތަފާތު އެކި ސިނާއަތްތަކުން ވަޒީފާ އިތުރުކޮށްފައިވާ ކަމަށެވެ.
ޕީޕީއެމުން ވަނީ، އެޕާޓީން އަބަދުވެސް މަަސައްކަތް ކުރާނީ، މަަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ހިމަޔާތް ކޮށްދިނުމަށް ކަމަށް ބުނެފައެވެ. އަދި ބައިނަލްއަގްވާމީ މަަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްއިން ވަނީ ދިވެހި ރާއްޖޭގައި އުޅޭ ހުރިހާ މަަސައްކަތްތެރިންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކޮށްފައެވެ.