2015 ވަނަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު (މޭޑޭ) ގައި ދިވެހި ރައްޔިތުން ވަނީ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަން ސާބިތުކޮށްދީފައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުއްﷲ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން މިދާ މޭޑޭ ނުވަތަ މަސައްކަތްތެރީންގެ ދުވަހުގެ ހަދާންތައް އާކުރައްވަމުން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2015 ވަނަ އަހަރުގެ މޭޑޭގައި އެންމެން ގުޅިގެން އަނިޔާވެރިކަމާއި ދެކޮޅަށް ކުރި މަސައްކަތަށް ބޮޑެތި ކާމިޔާބީތައް ލިބިފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެންމެން ގުޅިގެން ހާސިލް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާންއަކީ މޭޑޭގެ މުޒާހަރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެކެވެ. ޝައިހް އިމްރާންގެ މައްޗަށް މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވައި ޖަލަށް ލެވުނެވެ. ޝައިހް އިމްރާން މިނިވަންވެފައި ވަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ރައްޔިތުން ބޮޑުތަނުން ނޫކެކޭ ބުނުމަށް ފަހުގައެވެ.
2015 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ކުރި ބޮޑު މުޒާހަރާއި ގިނަ ބަޔަކު ހައްޔަރުކޮށް އެތައް ބަޔަކަށް ލާއިންސާނީ އެތަކެއް އަނިޔާއެއް ދީފައިވެއެވެ.