ދިވެހި ރާއްޖޭގެ އިސްލާމް މުޤައްރަރުތަކަކީ މީހަކު ކުޅޭ ކުޅިވަރެއްގެން ހަދާފައި އޮންނަ އެއްޗެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ މުސްތަގްބަލު ސަލާމަތް ކުރުމަށް މިވަގުތު އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.

ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މަދަރުސާތަކުގައި ދަރިވަރުންނަށް ކިޔަވާދޭން ބޭނުން ކުރަމުން ގެންދާ ފޮތްފޮތުގައި، ރުޅިވެރިކަމާއި ނަފްރަތަށް މަގުފަހިވާ ފަދަ ވާހަކަތައް އެބަހުރި ކަމަށާއި، އެހެންކަމުން މިވަގުތު އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ.

"އިސްލާމު ދީނުގެ ނަމުގައި، ހިންގަމުން މިގެންދާ ކަންކަމަށް ބަލާ ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ކުރެއްވި ޓްވީޓަށް ރައްދުދެއްވަމުން ޝައިހް ޒައިދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމީ މުގައްރަރުތަކަކީ ބޮޑު ކޮމެޓީއަކުން އެކުލަވާލާ އެއްޗެއް ކަމަށާއި މުގައްރަރުތަކަކީ މީހަކު ކުޅޭ ކުޅިވަރެއްހެން ހަދާފައިވާ އެއްޗެއް ނޫން ކަމަށެވެ.

ޝައިހް ޒައިދު ވަނީ ހަޤީޤަތާއި ހިލާފު ވާހަކަތައް ނުދެއްކެވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. 

ޝައިހް ޒައިދު ވަނީ މީގެ ކުރިންވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަލަފިއްޔާގެ ދީނީ އިލްމުވެރިންނަކީ އެއްޖިންސުން ގުޅުން ހިންގާ ބައެއް ކަމަށް މޭރުންވާ ފަދަ އިބާރާތަކުން ނަޝީދު ދެއްކެވި ވާހަކަފުޅަށް ޝައިހު ޒައިދު ވަނީ ރައްދު ދެއްވައިފައެވެ. ޝައިހް ޒައިދު ވިދާޅުވީ މީހެއްގެ ބޮލުގައި ގަޒުފުގެ ތުހުމަތު އަޅުވާކަމުގައި ވަނީނަމަ ހެކި ދައްކަން ޖެހޭނެ ކަމަށާއި ނޫން ނަމަ ކައްފާރާ ދައްކައި ތައުބާވާން ޖެހޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *