އިންޑިއާގެ މަހާރާޝްތްރާތާގެ އަވަށެއް ކަމަށްވާ ގަޖިރޯލީގައި ދުއްވަމުން ދިޔަ ފުލުހުންގެ ވެހިއްކަލެއް ގޮއްވާލުމުގެ ސަބަބުން އެ ވެހިކަލްގައި ތިބި 15 ސެކިއުރިޓީ ބަލަހައްޓާ ސިފައިން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގައިދިޔައީ ދާދި ދެންމެގެ ވަގުތެއްގައެވެ. އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ލިބިފައިވާ ގޮތުން، އެ ވެހިކަލްގައި ގޮވާ ޒާތެއްގެ އެއްޗެއް (އައި.އީ.ޑީ)އެއް، ހަރުކޮށް މި ހަމަލާ ދީފައިވަނީ އިންޑިއާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކޮމިއުނިސްޓު ޖަމާއަތެއް ކަމަށްވާ މައޮއިސްޓް އިންނެވެ.
މި ހާދިސާގައި 15 ސެކިއުރިޓީ ޕާސެނަލް ނުވަތަ ސިފައިންގެ މީހުން ވަނީ މަރުވެފައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި މަގުމަތީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ޕާކު ކޮށްފައި އޮތް 36 ވެހިކަލެއްގައި މައޮއިސްޓުންގެ ބަޔަކުވަނީ ރޯކޮށްލައިފައިކަމަށް މައުލޫމާތު ލިބެއެވެ. ރޯކޮށްފައިވަނީ ކެރޯސިން އާއި ޕެޓްރޯލް ބޭނުންކޮށްގެންނެވެ.
މި ދެ ހާދިސާވެސް ހިނގައިފައި މި ވަނީ އިންޑިއާގެ މަހާރާޝްތްރާގައި ފައުންޑޭޝަން ދުވަސް ފާހަގަ ކުރަމުންދަނިކޮށެވެ.
މި ހާދިސާ ހިނގުމުގެ ހަފްތާތަކެއް ކުރިން އޭޕްރިލް 11 ވަނަ ދުވަހުގައި އެ ގައުމުގެ ޕޯލިންގ ބޫތެއްގެ ކައިރީގައިވެސް ވަނީ އައިއީޑީއެއް ގޮއްވާލައިފައެވެ.