ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި މިރޭ ކުޅޭ ސެމީ ފައިނަލުގައި ހުރިހާ ވެސް އުންމީދަކީ އޭނާކަމަށް އެ ޓީމުގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މިރޭ ބާސެލޯނާ ނުކުންނާނީ ވާދަވެރި ލިވަޕޫލާއި ދެކޮޅަށެވެ. އަދި މިރޭގެ މެޗަކީ ބާސެލޯނާއާއި އެކު މިއަހަރު މެސީ ދެކެމުން އަންނަ ހުވަފެންތަށް ހަގީގަތަކަށް ހެދުމަށް މުހިންމު މެޗެކެވެ. މިރޭގެ މެޗަށް ބާސެލޯނާއިން ނުކުންނައިރު މެސީ ހުރީ ރަނގަޅު ފޯމެއްގައެވެ.

މެސީގެ ކެޕްޓަންކަމުގެ ދަށުގައި ބާސެލޯނާއިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ލެވެންޓޭ ބަލިކޮށް ސްޕެނިޝް ލީގުގެ ތަށި އުފުލާލައިފައެވެ. އެ ތަށްޓަކީ މެސީ ބާސެލޯނާއާއި އެކު ހޯދި 10 ވަނަ ލީގު ތަށްޓެވެ.

އިނގިރޭސި ޓީމުތަށް ކޮޅަށް ގިނަ ގޯލުތަކެއް މީގެ ކުރިން ޖަހާފައިވާ މެސީއަށް މިހާތަނަށް ލިވަޕޫލް ކޮޅަށް ގޯލެއް ޖެހިފައެއް ނުވެއެވެ. 

ރަކިޓިކް ބުނީ މިރޭ ކުޅޭ މެޗުންވެސް މެސީ ތަފާތު ދައްކާނެ ކަމަށެވެ.

"އަހަރަމެން މިތިބީ އަހަރަމެންގެ ކެޕްޓަންގެ ފަހަތުގައި. ބާސެލޯނާއިން ފަހުގެ ތާރީހުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައި. އެކަމުގެ ސަބަބުން މެޗަކަށް ފަހު މެޗެއްގެ ޕްރެޝަރު ދަނީ ބޮޑުވަމުން. ނަމަވެސް ބާސެލޯނާގައި މެސީ ހުރިހާ ހިނދަކު އުންމީދު އެބައޮތް،" އިއްޔެ ދިން ނޫސް ޕްރެސްއެއްގައި ރަކިޓިޗް ބުންޏެވެ.

މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މެސީ ވަނީ ޗެމްޕިއަންސް ލީގު ހޯދައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *