2018 ވަނަ އަހަރުގެ ތެރޭގައި 11.78 މިލިއަން ރުފިޔާގެ ބާނޫޓާއި ފައިސާ ފޮތި ނައްތާލާފައިވާ ކަމަށް މަރުކަޒީ ބޭންކު, އެމްއެމްއޭއިން ހާމަކޮށްފިއެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ ރަން ދިހަފަހެއް ސީރީޒްގެ ޕޮލިމާ ކަރުދާސް ނޫޓުތައް ބޭނުންކުރަން ފެށުމާ އެކު، މީގެ ކުރިން ރާއްޖޭގައި ބޭނުންކުރި ދެ ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ އަދި 100 ރުފިޔާގެ އިތުރުން 500 ރުފިޔާގެ ކަރުދާސް ނޫޓުތައް ވަނީ އުވާލައިފައެވެ.
އެމްއެމްއޭއިން އިއްޔަ ނެރުނު 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ނައްތާލާފައިވަނީ 1983 ވަނަ އަހަރުގެ ކަރުދާސް ނޫޓު ސީރީޒްގެ ނޫޓުތަކަކާއި ކުރީގެ 2 ރުފިޔާގެ ފައިސާ ފޮތިތަކެވެ.
އެމްއެމްއޭއިން އަހަރީ ރިޕޯޓުގައިވާ ގޮތުން ކަރުދާސް ފައިސާ ނޫޓުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި 466،068 ނޫޓު ނައްތާލެވުނެވެ. އެ ނޫޓުތަކުގެ އަގަކީ 9،862،195 ރުފިޔާއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ އަހަރަކުވެސް އެ ބޭންކުން ނައްތާލަނީ އިގްތިސާދުގައި ދައުރުވާ ފައިސާތަކުގެ ތެރެއިން އެ ބޭންކަށް ލިބޭ ނޫޓުތަކުގެ ތެރެއިން އިގްތިސާދުގައި ދައުރުވުމަށް އެކަށީގެންނުވާ ބާ ނޫޓުތަައް ކަމަށެވެ.