ގިނައިން ހަކުރު އަޅައިން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކަކީ އޭގެއިން ކިޑްނީ އެކި މައްސަލަތައް ކުރިމަތިވުމަށް މަގުފަހިކުުރުވާ އެއްޗެއްކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.
އެމެރިކާގައި، 3،000 އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން އެނގިގެން ދިޔަ ގޮތުގައި މޭވާއިން ތައްޔާރުކޮށްފައި ހުންނަ ބައެއް ޖޫސްތަކާއި ކޯކް ފަދަ ބުއިންތަކަަކީ އޭގެއިން ކިޑްނީގެ މައްސަލަތައް ކުރިމަތިވުމަށް މަގުފަހުކުރުވާ އެއްޗެއްސެވެ.
މި ދިރާސާއިން އެނގިގެންދިޔަ ގޮތުގައި އެފަދަ ބުއިންތަކުގައި ސިނގިރޭޓް ފަދައިން، ލިބިދޭ ގެއްލުން ބަޔާންކޮށްފައި ނުހުންނަ ކަން ފާހަގަކޮށްފައިވެއެވެ. މި ދިރާސާގައިވަނީ 2000 އިން 2004 ވަނަ އަހަރާ ހަމައަށް އެއްކުރި މައުލޫމާތަށް ފަހު، އެ މައުލޫމާތު ދިން މީހުންގެ ސިއްހީ ހާލަތު 2009 އިން 2013 އަށް ވަޒަންކޮށްފައެވެެ.
ހަމައެހެންމެ ދާދިފަހުން އާންމުކުރެވުނު ދިރާސާއެއްގެ ނަތީޖާގައި ހިތުގެ ބަލިތައް ޖެހުމުގައި ހަކުރު އަދާކުރާ ދައުރުގެ ބޮޑުކަން ހާމަވެގެން ގޮސްފައިވެ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ހަކުރު ހިމެނޭ ފިޒީ ޑްރިންކްސް ދަޅެއް ނުވަތަ ދެދަޅު ބޮއިފިނަމަ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު 35 އިންސައްތައަށް ބޮޑުވާ ކަމަށް ދިރާސާއިން ދައްކާފައިވެ އެވެ. ހަމައެއާއެކު، އޭގެ ސަބަބުން ހަކުރުބަލި (ދެވަނަ ވައްތަރު) ޖެހުމުގެ ފުރުސަތު 26 އިންސައްތައަށް ބޮޑުވެގެންދާ ކަމަށާއި، ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 16 އިންސައްތައަށް ބޮޑުވާ ކަމަށްވެސް ހަވާޑްގެ ސްކޫލް އޮފް ޕަބްލިކް ހެލްތުން ހެދި މި ދިރާސާއިން ހާމަވެފައިވެ އެވެ.
މިއީ ހަކުރާ ބެހޭގޮތުން ދުނިޔޭގައި މިހާތަނަށް ހާމަކުރެވުނު އެންމެ ހާމަކަން ބޮޑު މައުލޫމާތެވެ. ހަކުރު ހިމެނޭ ބުއިންތައް އާންމުކޮށް ބުއިމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ބަރުދަން އެތައް ތަނަކުން ބަރުވެ އެވެ. ދިރާސާ ހެދި ޓީމުގެ އިސްވެރިޔާ ފްރޭންކް ހޫ ވިދާޅުވީ ހަކުރު ހިމެނޭ ބުއިންތައް މަދުކުރުން ވަރަށް މުހިންމު ކަމަށާއި ސްކޫލްތަކުގެ ސިޔާސަތުތަކަށްވެސް ބަދަލުތައް ގެނަސްގެން ހާއްސަކޮށް ކިޔަވާ ކުދިން، މި އާދައިން ވަރަށް އަވަސް ގޮތެއްގައި ދުރުކުރަންޖެހޭ ކަމަށެވެ. ސަބަބަކީ ފިޒީ ޑްރިންކްސް ދަޅެއްގައި އާންމުކޮށް ހަތް ސަމުސާ ހަކުރު އެކުލެވޭތީ އެވެ.