ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، 65 އިންސައްތަ ކުރިއެރުމެކެވެ. 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި މަރުކަޒީ ބޭންކަށް ލިބިފައިވަނީ 148 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު އެމްއެމްއޭ އަށް ލިބުނު އާމްދަނީގެ ތެރެއިން ދިވެހި ރުފިޔާގެ މުއާމަލާތްތަކުން 93 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ ކުރީ އަހަރާއި އަޅާ ބަލާއިރު 8 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
ދިވެހި ރުފިޔާގެ މުއާމަލާތް ތަކުން އެމްއެމްއޭ އަށް 93 މިލިއަން ރުފިޔާ ލިބިފައިވާއިރު 550.7 މިލިއަން އެމެރިކާ ޑޮލަރު އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ވިއްކާފައެވެ.