ފުޓްސަލް މުބާރާތެއް ކަމަށްވާ ކްލަބު މޯލްޑިވްސްގެ ފައިނަލުން ވެމްކޯ އަދި ބީއެމްއެލުން ޖާގަ ކަށަވަރުކޮށްފިއެވެ. ކްލަބް މޯލްޑިވްސް ކަޕް އަކީ ރާއްޖޭގައި ބޭއްވޭ ފުޓްސަލްގެ އެންމެ ބޮޑު އެއް މުބާރާތެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކުރީ، ސެމީ ފައިނަލުގައި އުރީދޫ އަތުން 3-0 އިން މޮޅުވެގެންނެވެ. އެމެޗުގައި ބީއެމްއެލްގެ ތިން ގޯލު ވެސް ޖެހީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ.
ފައިނަލުގެ ފަހު ޖާގަ ވެމްކޯ އިން ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު ކްލަބް އިމިގްރޭޝަންގެ މައްޗަށް 5-4 އިން ކުރިހޯދައިގެންނެވެ. ކްލަބް ވެމްކޯގެ ކުޅުންތެރިޔެއް ކަމަށްވާ އަބްދުﷲ ޝައްފާން (ޝާކާ) ވަނީ އިމިގްރޭޝަނާއި ބައްދަލުކުރި މެޗްގައި ހެޓްރިކެއް ހަދައިފައެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ 2016 ވަނަ އަހަރުގެ ޗެމްޕިއަން ބީއެމްއެލް އާއި ވެމްކޯ ކުޅޭ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެރޭގަ އެވެ. މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މާދަމާރޭ ކުޅޭނީ ޕޮލިސް ކްލަބާ އެވެ.